






.jpeg?w=3840&q=75)

-
ބ. ގޮއިދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ) ގެ އޭޓީއެމެއް ޤާއިމުކުރުމުން އެ ރަށުގެ ރައްޔިތުންނަށް މާލީ ޚިދުމަތްތައް ހޯދުމަށް ފަސޭހަވެ، ރަށުގައި ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ އިޤްތިޞާދަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ، ރާއްޖޭގައި އެމް.އައި.ބީން ބެހެއްޓި 62 ވަނަ އޭޓީއެމް ގޮއިދޫގައި ރަސްމީކޮށް ހުޅުވައިދެއްވައި، އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ޤައުމުގެ މާލީ ދާއިރާ ތަރައްޤީވަމުންދާއިރު އެއްވެސް ރަށެއް ބާކީނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އެގޮތުން އާމްދަނީ ޖަމާކުރުމަށް ނުވަތަ ފައިސާ ނެގުމަށްޓަކައި ބޮޑު ޚަރަދެއް ކޮށްފައި އަތޮޅުގެ ވެރިކަން ކުރާ ރަށަށް ރައްޔިތުން ދާންނުޖެހޭނެ ކަމަށާއި، މާލީ ދާއިރާގެ ތަރައްޤީގެ ފައިދާ މުޅި ޤައުމުގެ އެންމެހައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބެންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ގޮއިދޫގައި ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ފުރުޞަތުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މި އޭޓީއެމްގެ ސަބަބުން ރަށުގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށާއި ވިޔަފާރި ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ދެވޭ މާލީ ޚިދުމަތްތަކަށް ދިވެހިންގެ މެދުގައި އޮތް ތަރުޙީބު އިތުރުވަމުންދާކަން ފާހަގަކުރައްވައި، އެމް.އައި.ބީން ގޮއިދޫއަށް މި ޚިދުމަތް ފުޅާކޮށްދެއްވީތީ އެ ބޭންކުގެ މެނޭޖްމަންޓަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށް މާލީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވަމުން، މިނިސްޓަރ ޒަރީރު ވަނީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާވެ، އެންމެހައި ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ނިޒާމެއް ޤާއިމުވެގެންދިއުމަށް އެދިވަޑައިގެންފައެވެ.








