
%20(1).jpeg?w=3840&q=75)




.jpg?w=3840&q=75)


ނޭޕާލަށް ދިމާވި ބޮޑު ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 270 އަށް އަރައި، އެކި ޤައުމުތަކުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ހިމެނޭހެން 644 ފަތުރުވެރިއަކު ގެއްލިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
ނޭޕާލް ޓޫރިޒަމް ބޯޑުގެ އެންމެ ފަހުގެ މަޢުލޫމާތުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ފެންބޮޑުވި ސަރަޙައްދުތަކުން ގެއްލިފައިވާ 644 ފަތުރުވެރިންގެ ތެރޭގައި ބޭރު ޤައުމުތަކުގެ 517 ފަތުރުވެރިންނާއި ނޭޕާލްގެ 127 މީހުން ހިމެނެއެވެ.
އަދި މިހާތަނަށް ފެންބޮޑުވި ސަރަޙައްދުތަކުން 270 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ނޭޕާލްގެ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، މި ކާރިސާގައި ނޭޕާލުން އިންޑިއާގެ 288 ރައްޔިތަކު ގެއްލިފައިވާއިރު، އިތުރު 200 މީހަކު ވަނީ ބޯޑަރު ހުރަސްކޮށް ޗައިނާގެ ފަޅީގައި ތާށިވެފައެވެ.
ނަމަވެސް، ކައިލާޝް މަންސަރޯވަރު ޔާތުރާގައި ބައިވެރިވި ދެކުނު އިންޑިއާގެ ތަމިލްނާޑޫ ސްޓޭޓަށް ނިސްބަތްވާ 21 މީހަކު މިހާރު ވަނީ ރައްކާތެރިކަމާއެކު ސަލާމަތްކުރެވިފައި ކަމަށް އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވަނީ އެކްސް މެދުވެރިކުރައްވައި ހާމަކުރައްވާފައެވެ.
ކާރިސާ ހިނގި ސަރަޙައްދުތަކުން މީހުން ސަލާމަތްކުރުމާއި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ހުއްޓުމެއްނެތި ކުރިއަށް އެބަގެންދެއެވެ.

%20(1).jpeg?w=3840&q=75)






