





.jpeg?w=3840&q=75)


-
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބ. އޭދަފުށި ބްރާންޗު އިއްޔެ ހުޅުވުމާ ގުޅިގެން، ބ. އަތޮޅުގައި މާލީ ޚިދުމަތްތައް ލިބިގަތުމުގެ ފުރުޞަތު ފުޅާވެ، ސަރަޙައްދީ އިޤްތިޞާދީ ހަރަކާތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އޭދަފުށީގައި ބޭއްވި އެ ބްރާންޗު ރަސްމީކޮށް ހުޅުވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޒަރީރު ވިދާޅުވީ، ޝަރީޢާ ހުއްދަ ބޭންކިންގ ޚިދުމަތްތައް އެ ރަށަށް ތަޢާރަފުވުމުން ވިޔަފާރިވެރިންނާއި މަސްވެރިންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ޢާންމު ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި މީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން ފައިނޭންސިންގ ހޯދައި، ވިޔަފާރިތައް ފުޅާކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަމަހަމަ ގޮތެއްގައި މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުގެ މައި ތަނބެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ރައްޔިތުންނަށް ބޭންކިންގ އަދި މާލީ ޚިދުމަތްތަކުން ފައިދާ ލިބިގަތުމުގެ ފުރުޞަތު ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
ބ. އަތޮޅަކީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވެއްގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ޤައުމީ ފެންވަރުގައި ބޮޑު ދައުރެއް އަދާކުރާ ސަރަޙައްދަކަށްވާތީ، އޭދަފުށީ ބްރާންޗުގެ ސަބަބުން ފަތުރުވެރިކަމާ ގުޅިފައިވާ ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށް ޒަރޫރީ މާލީ ޚިދުމަތްތައް ފުޅާކުރުމަށް އެމްއައިބީއާއި އެހެނިހެން މާލީ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.








