





.jpeg?w=3840&q=75)


-
އަތްތެރި މަސައްކަތްތައް ޙިމާޔަތްކުރުމަކީ ހަމައެކަނި ސަގާފީ ކަމެއް ނޫން ކަމަށާއި، އެއީ ވަރަށް މުހިންމު އިޤްތިޞާދީ ސިޔާސަތެއް ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ބ. ތުޅާދޫގައި ބޭންކިންގ ޚިދުމަތް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޒަރީރު ވިދާޅުވީ، ސަގާފީ މަސައްކަތެއް ދެމިއޮންނާނީ އެ މަސައްކަތުން ޢާއިލާތަކަށް ފައިދާވާފަދަ ރަނގަޅު އާމްދަނީއެއް ލިބިގެން ކަމަށެވެ.
އެގޮތުން، ދިވެހި ތާރީޚުގައި ލިޔެލާ ޖެހުމުގެ މަސައްކަތުގެ މައި މަރުކަޒުގެ ގޮތުގައި ތުޅާދޫއަށް އޮތް މުހިންމުކަން ފާހަގަކުރައްވައި، އެވޭލާ ޒަމާނުގައި ރަސްރަސްކަލުންނާއި ޢިއްޒަތްތެރިން ބޭނުންކުރެއްވި ފަދަ ހުނަރުވެރި މަސައްކަތްތެރިކަން މިއަދުވެސް އެ ރަށުގައި ރައްކާތެރިކަމާއެކު ދަމަހައްޓަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ތުޅާދޫއަކީ މަސްވެރިކަމުގެ ދާއިރާގައިވެސް ދިގު ތާރީޚެއް އޮތް ރަށެއްކަމަށާއި، ރަށުގެ އަތްތެރި އުފެއްދުންތައް ބ. އަތޮޅުގެ ރިސޯޓުތަކަށާއި ސުވެނިއަރ ފިހާރަތަކަށް ފޯރުކޮށްދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަކީ ދިވެހި މުޖުތަމަޢުތަކަށް ދުވަހުން ދުވަހަށް މުހިންމުވަމުން އަންނަ ޚިދުމަތެއްކަން ފާހަގަކުރައްވައި، މާލީ އިދާރާތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.




