





.jpeg?w=3840&q=75)


-
ބ. ކެންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ އޭޓީއެމެއް ހުޅުވިގެން ދިއުމަކީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް އަސާސީ މާލީ ޚިދުމަތްތައް ފުޅާކޮށް ފޯރުކޮށްދިނުމުގެ ދަތުރުގައި އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ކެންދޫގައި އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޒަރީރު ވިދާޅުވީ، މި ޚިދުމަތާއެކު ކެންދޫ ރައްޔިތުންނަށް މިހާރު އެހެން ރަށަކަށް ދަތުރުނުކޮށް، ފައިސާ ނެގުމާއި ޖަމާކުރުން ފަދަ އަސާސީ ބޭންކިންގ ޚިދުމަތްތައް ރަށުގައި ތިބެގެން ލިބިގެންދާނެ ކަމަށެވެ. އެ ރަށަކީ މާލެއާ 130 ކިލޯމީޓަރަށް ވުރެ ދުރުގައި އޮތް ރަށެއް ނަމަވެސް، އެ ދުރުމިނަކީ ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ތަފާތުވާންޖެހޭ ސަބަބެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އިޤްތިޞާދީ ހަރަކާތްތައް ހަރުދަނާކުރުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއްކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ، ޑިސެމްބަރު 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވި "ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ 2026–2030" ގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާމިކް ފައިނޭންސް ހިންގުމާއި، ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ފުޅާކުރުމާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ނިޒާމެއް ބިނާކުރުމުގެ އިތުރުން ފައިނޭންޝަލް ލިޓަރަސީ ކުރިއެރުވުމަކީ މި ސްޓްރެޓެޖީގެ މައިގަނޑު އަސާސްތައް ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން، އެ ސްޓްރެޓެޖީ އެކުލަވާލުމަށް ކުރި ދިރާސާތަކަށް ބައްލަވާލައްވަމުން ވަޒީރު ވިދާޅުވީ، ދިވެހި އަންހެނުންގެ 14 އިންސައްތައާއި ފިރިހެނުންގެ 5 އިންސައްތަ އަދިވެސް ބޭންކިންގ ނިޒާމުގެ ބޭރުގައި ތިބިއިރު، އިންޓަނެޓް ބޭންކިންގ ބޭނުންކުރަނީ ދުވަސްވީ މީހުންގެ ތެރެއިން އެންމެ 38 އިންސައްތަ ކަމަށެވެ. އެހެންކަމުން މާލީ ޚިދުމަތްތަކުގެ ފުރިހަމަ ބޭނުން ރައްޔިތުން ހިފާ މިންވަރު އިތުރުކުރުމުގެ ޖާގަ އެބައޮތް ކަމަށާއި، ފައިނޭންޝަލް ލިޓަރަސީ ކުރިއަރުވައި ރައްޔިތުން ބާރުވެރިކުރުވުމަށް އެމް.އައި.ބީ ފަދަ މާލީ އިދާރާތަކާއެކު ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.








