








-
ސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާތީ، ކުރިއަށް އޮތް ތިން މަސް ދުވަހު ރާއްޖޭގެ ފިނިހޫނުމިން އާންމުކޮށް ހުންނަ މިންވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ތިން މަހު މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް އާންމުކޮށް ވެހޭ ވަރަށް ވުރެ ގިނައިން ވާރޭ ވެހޭނެއެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް ބެލެވެނީ އާންމު މިންވަރަށް ވުރެ މަދުންނެވެ. އަދި މުޅި ރާއްޖޭގެ ހޫނުމިންވެސް ޢާންމުކޮށް ހުންނަ ވަރަށް ވުރެ މަތީގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އެލްނީނޯގެ ސަބަބުން ރާއްޖެއަށް ކުރާނެ މައިގަނޑު އަސަރުތަކުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އާދަޔާ ޚިލާފަށް ހޫނުވުން ހިމެނެއެވެ. މިކަމުގެ ސަބަބުން ފަރުތަކުގެ ދިރުމަށް ނުރައްކާވެ، ކަނޑުގެ އޮއިވަރާއި ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް މެޓުން ބުނެއެވެ. މީގެ އިތުރުން، ބައެއް ސަރަޙައްދުތަކަށް ވާރޭވެހުން މަދުވުމުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.
މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، އެލްނީނޯގެ ސަބަބުން ޕެސިފިކް ސަރަޙައްދުގެ ކަނޑުގެ ސަތަހައިގެ ހޫނުމިން މިހާރު ވަނީ އާންމު މިންވަރަށް ވުރެ 2.0 ޑިގްރީ ސެލްސިއަސް މައްޗަށް ގޮސްފައެވެ. އަދި މި މަހު އެކަނިވެސް ކަނޑުގެ ސަތަހައިގެ ފިނިހޫނުމިން ވަނީ ކުރިއަށް ވުރެ 1.8 ޑިގްރީ ސެލްސިއަސް މަތިވެފައެވެ. މިފަދަ ކަންކަމުން މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ރާއްޖެ އޮތް ނާޒުކު މިންވަރު ހާމަވާ ކަމަށާއި، ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ މުހިންމު ދާއިރާތަކުން މިފަދަ ބަދަލުތަކަށް ދުރާލާ ތައްޔާރުވެ ތިބުމުގެ މުހިންމުކަން މެޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.




