
%20(1).jpeg?w=3840&q=75)




.jpg?w=3840&q=75)


-
ކެމްބޯޑިއާގެ ވެރިރަށް ފްނޮމް ޕެންގައި މިހާރު ކުރިއަށްދާ 2 ވަނަ އިންޓަރ-ޕާލަމެންޓަރީ ސްޕީކާސް ކޮންފަރެންސްގެ ޢާންމު ބަހުސްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ތަޤްރީރު ކުރައްވައިފިއެވެ.
"ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤްވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މަޢުޟޫޢަށް ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވަނީ، ދުނިޔޭގެ ޞުލްޙައާއި ތަނަވަސްކަން ޤާއިމުކުރުމަށްޓަކައި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ. ގެ ޗާޓަރަށް ފުރިހަމައަށް އިޙްތިރާމްކުރުމަށް ގޮވާލައްވާފައެވެ. ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު އަދި ރައްކާތެރިކަން ދެމެހެއްޓުމުގައި މި އަސާސްތަކަކީ ކޮންމެހެން ބޭނުންތެރި އަސާސްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކެމްބޯޑިއާއިން ދާޚިލީ ހަނގުރާމައަށްފަހު ޞުލްޙަ ޤާއިމުކުރުމުގައި ހޯދި ކާމިޔާބީ މިސާލަކަށް ނަންގަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ކިތަންމެ ބޮޑު ޚިޔާލުތަފާތުވުމެއް އޮތް ނަމަވެސް، ވަރުގަދަ ލީޑަރޝިޕަކާއި ޢަޒުމާއެކު މަޝްވަރާކޮށްގެން ހައްލު ހޯދޭނެ ކަމަށެވެ. އަދި ޕާލިމެންޓަރީ ޑިޕްލޮމަސީގެ ސަބަބުން ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުވެ، ހަމަނުޖެހުންތައް ޞުލްޙަވެރިކަމާއެކު ހައްލުކުރުމަށް މަގުފަހިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެއާއި މުޅި ސަރަޙައްދަށް އިންޑިއާ ކަނޑުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އިންޑިއާ ކަނޑަކީ ވިޔަފާރިއާއި މަސްވެރިކަމާއި ފަތުރުވެރިކަމުގެ މައި ނާރުކަން ފާހަގަކުރައްވައި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއިން ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެއިތުރުން، މޫސުމީ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށާއި ޤައުމުގެ ސަލާމަތަށް ކުރިމަތިވާ ނުރައްކާތަކަކީ ޞުލްޙައާއި ހަމަޖެހުމާ ގުޅިފައިވާ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ޢާންމު ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާތަކާމެދު ފުން ކަންބޮޑުވުން ފާޅުކުރައްވަމުން، މަޖިލީހުގެ ރައީސް ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މަޝްވަރާގެ މަގު އިޚްތިޔާރުކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ބައިބައިވުމާއި ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި، ޞުލްޙައާއި ހަމަޖެހުމާއި އެންމެންގެ ކުރިއެރުމަށްޓަކައި އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިންނަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

%20(1).jpeg?w=3840&q=75)





