
%20(1).jpeg?w=3840&q=75)




.jpg?w=3840&q=75)


-
މަންގޯލިއާގެ ވެރިރަށް އުލާންބާތާގައި މިހާރު ކުރިއަށްދާ އދ. ގެ "ޔޫއެންސީސީޑީ ކޮޕް17" ކޮންފަރެންސްގެ ހަވާސާގައި، ދިވެހިރާއްޖޭގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް، އިންޑިއާގެ ތިމާވެއްޓާއި ޖަންގަލިތަކާއި މޫސުމީ ބަދަލުތަކާ ބެހޭ ޔޫނިއަން ކެބިނެޓް މިނިސްޓަރ ބުޕެންދަރ ޔާދަވްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރުގެ އަރިހުގައި މިނިސްޓްރީގެ ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް، ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގާތް ގުޅުން އަލުން ކަށަވަރުކޮށްދެއްވައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ޤުދުރަތީ ވެށި ނުވަތަ އީކޯސިސްޓަމްތައް އިޔާދަކުރުމަށާއި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ޢަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންނެވެ.
މީގެއިތުރުން، ސެޓެލައިޓް ޑޭޓާއާއި ޖައްވީ ޓެކްނޮލޮޖީ ބޭނުންކުރުމާއި، ކަނޑޫފާތައް އަލުން އާލާކޮށް ރައްކާތެރިކުރުމާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.
ދެ ބޭފުޅުންގެ މަޝްވަރާގައި، ރިމޯޓް ސެންސިންގ އަދި ބިމުގެ މައުލޫމާތު ދެނެގަތުމުގެ (އާތު އޮބްޒަވޭޝަން) ދާއިރާއިން މިހާރުވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ވަނީ އަލިއަޅުވާލައްވާފައެވެ. އަދި އަތިރިމައްޗާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށާއި، މޫސުމީ ހަކަތަ އަދި ތިމާވެށި މޮނިޓަރކުރުމުގެ ދާއިރާތަކުން ދިވެހިރާއްޖެއާއި އިންޑިއާގެ ކަމާގުޅޭ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ފަންނީ ޤާބިލުކަން އިތުރުކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

%20(1).jpeg?w=3840&q=75)






