





ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު --ގާފު ފޮޓޯ: އަހުމަދު ރީހާން
ޑޮލަރުގެ އަގު ތިރިކުރެވޭނީ ސަރުކާރުގެ ފިސްކަލް ޕޮލިސީ އާއި އެމްއެމްއޭގެ މަނިޓަރީ ޕޮލިސީތައް ރިފޯމްކޮށްގެން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެކްރޯ އިކޮނޮމިކް ކޮމެޓިގެ ފަރާތުން މިއަދު ބޭއްވި ނޫސްެވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އިބްރާހިމް އަމީރު ވިދާޅުވީ، ގާނޫނުތަކުން ގެންނަ ބަދަލުތަކުން ޑޮލަރުގެ އަގު ތިރިނުކުރެވޭނެ ކަމަށާއި، ޑޮލަރުގެ އަގު ތިރިކުރުމަށް ސަރުކާރުގެ ފިސްކަލް ޕޮލިސީއާއި އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިފޯމްކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގައި ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުން ދިޔުމާއި ގުޅިގެން، އެކަން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކަށް އިދިކޮޅު އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އަމީރު ވިދާޅުވީ، 2024 އިން ފެށިގެން 2026 އާހަމައަށް ބޭރުގެ އެހީގެ ގޮތުގައި 2.6 ބިލިއަން ޑޮލަރުގެ އެހީ ހޯދާނެ ކަމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. މީގެ ތެރެއިން ލިބުނީ 800 މިލިއަން ޑޮލަރުކަން ފާހަގަކުރައްވައި އަމީރުވިދާޅުވީ، އެއީ ކުރީގެ ސަރުކާރުތަކުން ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކުގެ ފައިނޭންސިންގ އަށް ދޫކޮށްފައިވާ ފައިސާ ކަމަށެވެ.
އަމީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށާއި، މިހާރުވެސް އެދާއިރާއަށް ލިބޭ ބޭރުފައިސާ އާމްދަނީގެ 40 އިންސައްތަ މަރުކަޒީ ބޭންކަށް މާރުކުރަން މަޖުބޫރުކުރުމުން ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އިންވެސްޓުކުރުމަށް އޮތް ވާދަވެރިކަން ގެއްލިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.





