








އެމްޑީޕީ ގެ ވެރިކަމެއްގައި އާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށްދެއްވާނެކަމުގައި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ އާރްޓީއެލް ބަހުގެ ޚިދުމަތް ހޯދާ އާންމު ރައްޔިތުންނާ ބައްދަލުކުރައްވާ، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށްފަހު މީޑިއާއަށް ވާހަކަދައްކަވަމުންނެވެ.
އާޒިމް ވަނީ މާލޭގެ ޕަބްލިކް ޓްރާންސްޕޯޓުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ޚާއްސަ ދިރާސާއެއް ހަދާފައިވާ ކަމަށާއި އެ ދިރާސާ ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، އެއާ އެއްގޮތަށް އަމަލީ ސިފަ ގެނައުމުގެ ގާބިލުކަން މިހާރުގެ ސަރުކާރުގައި ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ އަޑުއަހައި، އެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ދެމެހެއްޓެނިވި ހައްލު ހޯދައިދޭ ޕާޓީއެއް ކަމަށާއި އެކަން އެގޮތުގައި އަބަދުވެސް އޮންނާނެ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މޭޔަރު އާޒިމްގެ އަރިހުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި އެމްޓީސީސީން ދެމުން އަންނަ ބަހުގެ ޚިދުމަތަކީ ރައްޔިތުންގެ ޖީބަށް ލުއި، އެންމެންގެ އިތުބާރު ލިބިފައިވާ ނިޒާމަކަށް ހައްދަވާނެ ކަމަށް ފައިސަލް ނަސީމް ވަނީ ވިދާޅުވެފައެވެ.
ފައިސަލް ނަސީމް ވިދާޅުވީ މާލެ ސަރަހައްދުގެ ޕަބްލިކް ޓްރާންސްޕޯޓަކީ މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ކޮންމެހެން ބޭނުންތެރި ވަސީލަތެއްކަމަށެވެ. އަދި މިހާރު ބަހުގެ ޚިދުމަތް ހޯދާ ސްކޫލް ދަރިވަރުންނާއި އޮފީސްތަކަށްދާ މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާއަކީ ގަޑިއަށް ދަތުރުތައް ނުފެށި، ކިއުތަކުގައި ގިނައިރު ތިބެންޖެހުން ކަމަށާއި މިހާރަށްވުރެ މާ ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގާބިލުކަން ގައުމުގައި އެބަހުރި ކަމަށްވިދާޅުވިއެވެ.ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އާޒިމް ގުޅިވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ މަސައްކަތްޕުޅުތައް ފައްޓަވާފައި މިވަނީ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.








