
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު :-
ކުންފުނިތަކުގެ ހިންގުމާއި، ކުރިއެރުމާއި، އަދި ނަތީޖާ ނެރުމުގެ ހަގީގަތަށް ބަލާއިރު، ކުންފުންޏެއްގެ އެންމެ އަގުހުރި ރައުސްމާލަކީ އެ ތަނެއްގެ ބެލެންސް ޝީޓުން ސީދާ ފެންނަން އޮންނަ މާލީ އެސެޓްތަކެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި، ކުންފުނީގެ އެންމެ މުހިންމު ރައުސްމާލަކީ އެ ތަނެއްގެ މައިދޮރުން ކޮންމެ ދުވަހަކު ވަދެނިކުމެވާ ހީވާގި މުވައްޒަފުން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު ވިދާޅުވެއްޖެއެވެ.
ކ. ތުލުސްދޫގައި ހުންނަ ސްޓެލްކޯގެ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގައި ބޭއްވި "އެޗް.އާރް އިންސައިޓް" ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ކުންފުނީގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، އެދެވޭ ނަތީޖާ ނެރެދީ، ކުންފުނީގެ އަގު އުފުލައިދެނީ މުވައްޒަފުންގެ ކިބައިގައި ހުންނަ ޤާބިލުކަމާއި ހުނަރުވެރިކަމުން ކަމަށެވެ.
އަދި އެޗް.އާރް ގެ ނަޒަރިއްޔާތުން ބަލާއިރު މުވައްޒަފުންނާ މެދު ދެކޭގޮތް ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވަމުން، ހަމައެކަނި ވަޒީފާގެ މަޤާމާއި ޒިންމާތަކަށް ބެލުމުގެ ބަދަލުގައި މުވައްޒަފުންގެ އިޙްސާސްތަކާއި ބޭނުންތައް ފުރިހަމައަށް ދެނެގަތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މުވައްޒަފުންގެ ޤާބިލުކަން އިތުރުކޮށް ތަރައްޤީކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ މުވައްޒަފުން ބިނާކުރަންވާނީ ހަމައެކަނި މިއަދުގެ ބޭނުންތަކަށް ނުވަތަ މިހާރު ހުރި ހުނަރުތަކަށް އެކަންޏެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ބަދަލުވަމުން އަންނަ މާޙައުލާ އެއްގޮތަށް މުސްތަޤްބަލުގައި ބޭނުންވާނެ ހުނަރުތަކާއި ޤާބިލުކަން މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، މުވައްޒަފުން ކުރިއެރުމަށް ބޭނުންވާ ފުރުޞަތުތައް ފަހިކޮށްދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޑރ. އަޒުވަރު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސަމާލުކަމާއި، ކުންފުނިތަކަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް ޙައްލުކުރެއްވުމަށް އެކަށައަޅުއްވާ ހަރުދަނާ ސިޔާސަތުތަކަށްޓަކައި އެ މަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)



.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)








