
.jpeg?w=3840&q=75)






ހުޅުމާލޭ ފޭސް 2 ގައި ޓާޝަރީ ހޮސްޕިޓަލެއްގެ އޭއައި ކުރެހުމެއް:-
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތަކާއި، އަމާން ދޯދި އާއި އުދަރެސް ފްލެޓުތަކާއި، ވިނަރެސް، އަދި އަމިއްލަ އެކި އިމާރާތްތަކުގައި މީހުން ދިރިއުޅެން ފެށިފަހުން އެ ސަރަހައްދުގެ އާބާދީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައިއެވެ. މިއަދު އެއީ އެތައް ހާސް ރައްޔިތުންނެއް ދިރިއުޅެމުންދާ ބޮޑު ސިޓީއެކެވެ.
ނަމަވެސް، އާބާދީ އިތުރުވަމުންދާ މިންވަރާ އެއްވަރަށް އަސާސީ ޚިދުމަތްތައް ގާއިމުނުކުރެވުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ސިއްހީ ދާއިރާއިންނެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުގެ ހޮސްޕިޓަލެއް ނެތުމަކީ އެތަނުގައި ދިރިއުޅޭ ރައްޔިތުން އުފުލަންޖެހިފައިވާ އެންމެ ބޮޑު އެއް ތަކުލީފެވެ.
މިހާރު ދެވަނަ ފިޔަވަހީގައި ހުޅުމާލެ ހޮސްޕިޓަލުގެ ކުޑަ ކްލިނިކެއް ހުރި ނަމަވެސް، އެތަނަކީ ބާރުބޮޑުވަމުންދާ އާބާދީއަށް އެކަށީގެންވާ ވަރަށްވުރެ މާ ކުޑަ ތަނެކެވެ. ރޭޑިއޯލޮޖީ (އެކްސްރޭ އަދި ސްކޭން)، ދަތުގެ ޚިދުމަތްތައް ނުވަތަ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުން ފަދަ އަސާސީ ގިނަ ޚިދުމަތްތަކެއް އެ ކްލިނިކުން ނުލިބެއެވެ. މީގެ އިތުރުން، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިމަރޖެންސީ ފަރުވާ ދެވޭނެ ފުރިހަމަ ނިޒާމެއް ނެތުމުން، ކޮންމެ ކަމަކު ވެސް ޖެހެނީ ފުރަތަމަ ފިޔަވަހީގައި ހުންނަ ހުޅުމާލެ ހޮސްޕިޓަލަށް ދާށެވެ.
މިކަމުގެ ސަބަބުން ފުރަތަމަ ފިޔަވަހީގެ ހުޅުމާލެ ހޮސްޕިޓަލަށް ވަރަށް ބާރުބޮޑުވެގެންދެއެވެ. އެންމެ ހޮސްޕިޓަލަކުން ދެ ފިޔަވަހީގެ މުޅި އާބާދީއަށް ޚިދުމަތްދޭން ޖެހުމުން، ޑޮކްޓަރަށް ދެއްކުމަށް ކިއުތައް ދިގުވެ، އެޕޮއިންޓްމަންޓް ލިބުން މަސްދުވަހަށް ދެމިގެންދެއެވެ. އެއާއެކު، ހުޅުމާލެއިން އެކަށީގެންވާ އަވަސް ޚިދުމަތެއް ނުލިބުމުން، ގިނަ ރައްޔިތުން މަޖުބޫރުވެގެން ދަނީ މާލޭގެ އައިޖީއެމްއެޗަށެވެ. މިއީ މާލޭގެ އައިޖީއެމްއެޗްގެ ބާރުބޮޑުވެ، ޚިދުމަތްތައް ލަސްވާ މައިގަނޑު އެއް ސަބަބެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ކްލިނިކްތަކާއި ފުރަތަމަ ފިޔަވަހީގައި ޓްރީ ޓޮޕް ހޮސްޕިޓަލް ހުރި ނަމަވެސް، މިއީ އާންމު އާބާދީގެ އެންމެންނަށް އަތްފޯރާ ފެންވަރުގެ ޚިދުމަތްތަކެއް ނޫނެވެ. އާސަންދަ ބޭނުންކުރި ނަމަވެސް، އަމިއްލަ ތަންތަނުން ޚިދުމަތް ހޯދުމަށް އަމިއްލަ ޖީބުން ކުރަންޖެހޭ ޚަރަދު ބޮޑުވުމުން، މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް އޮތް ހަމައެކަނި މަގަކީ ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ދިގު ކިއުތަކުގައި ތިބުމެވެ.
މީގެ އިތުރުން، ސިއްހީ ކުއްލި ހާލަތްތަކުގައި އެމްބިއުލަންސްގައި ފުރަތަމަ ފިޔަވަހީގެ ހޮސްޕިޓަލަށް ދާންޖެހޭ ވަގުތަކީ ފުރާނައަށް ވެސް ނުރައްކާވެދާނެ ވަގުތުކޮޅެކެވެ. ޚާއްޞަކޮށް ހިތުގެ މައްސަލަތަކާއި، ނުރައްކާތެރި އެކްސިޑެންޓްތަކުގެ އިތުރުން ކުއްލިއަކަށް ވިހެއުމުގެ ހާލަތްތަކުގައި، ދެވަނަ ފިޔަވަހީގެ ބޮޑެތި ޓްރެފިކް ތޮއްޖެހުމުގެ ތެރެއިން އެމްބިއުލަންސްގައި ފުރަތަމަ ފިޔަވަހީގެ ހޮސްޕިޓަލަށް ދާންޖެހޭ ވަގުތަކީ ސިއްހީ ގޮތުން ފުރާނަ ސަލާމަތްކުރުމަށް ލިބޭ އެންމެ ނާޒުކު ވަގުތުކޮޅެވެ.
ދެވަނަ ފިޔަވަހީގައި ކުއްލި ފަރުވާ ދެވޭނެ އެމަރޖެންސީ ރޫމަކާއި ފުރިހަމައަށް ތައްޔާރުވެފައިވާ އައިސީޔޫއެއް އަދި އޮޕަރޭޝަން ތިއޭޓަރެއް ނެތުމަކީ، ދުވަހުން ދުވަހަށް އިތުރުވަމުންދާ އާބާދީގެ ރައްކާތެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެކެވެ. ސިއްހީ އަސާސީ ޚިދުމަތަކީ ހަމައެކަނި އާންމު ޑޮކްޓަރަށް ދެއްކުން އެކަންޏެއް ނޫނެވެ. އެއީ ކުއްލި ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށްޓަކައި ކައިރިން ލިބެންޖެހޭ އަސާސީ ރައްކާތެރިކަމެކެވެ.
މުސްތަގުބަލުގައި ދެވަނަ ފިޔަވަހީގެ އާބާދީ އިތުރަށް ފުޅާވެގެންދާއިރު، އެ ސަރަހައްދުގައި ޒަމާނީ، ފުރިހަމަ ވަސީލަތްތަކާއެކު ސަރުކާރުގެ ހޮސްޕިޓަލެއް ގާއިމުކުރުމަކީ ހަމައެކަނި ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ލިބޭނެ ފަސޭހައެއް ނޫނެވެ. މިއީ މުޅި މާލެ ސަރަހައްދުގެ ސިއްހީ ނިޒާމުގެ ބާރުބޮޑުވުން ކުޑަކޮށް، ޚިދުމަތުގެ ފެންވަރު އަވަސްކުރުމަށް ކޮންމެހެން ކުރަންޖެހިފައިވާ ގައުމީ މުހިންމު ކަމެކެވެ.

.jpeg?w=3840&q=75)





