
-
ސްޓެލްކޯއިން އިސްނަގައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ދާއިރާގެ ތަޖުރިބާތަކާއި މުހިންމު މަޢުލޫމާތުތައް ހިއްސާކުރުމުގެ މަގުސަދުގައި "އެޗް.އާރް އިންސައިޓް" ގެ ނަމުގައި ހާއްސަ ފޯރަމެއް ބާއްވައިފިއެވެ.
ކ. ތުލުސްދޫގައި ހުންނަ ސްޓެލްކޯގެ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގައި ކުރިއަށްގެންދިޔަ މި ފޯރަމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުހައްމަދު ނިޒާރާއި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ. މި ފޯރަމްގައި ސަރުކާރު ހިއްސާވާ 13 ކުންފުންޏަކުން ޖުމްލަ 35 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މި ފޯރަމް އިފްތިތާހު ކޮށްދެއްވުމަށްފަހު ނިޒާރު ދެއްކެވި ވާހަކަފުޅުގައި ވަނީ މި ފޯރަމުން ފާހަގەވެގެންދާ މުހިންމު އެއް ކަމަކީ، އެއް ކުންފުނީގެ އެންމެ ރަނގަޅު އުސޫލުތަކާއި ތަޖުރިބާތައް އެހެން ކުންފުނިތަކާ ހިއްސާކުރެވިގެންދިއުން ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން ކަންކަމުގައި ނިންމުންތައް ނިންމުމުގެ ދުވެލި ވަރަށް ބޮޑަށް ހަލުވިވެގެންދާނެ ކަމަށާއި، ޕީސީބީގެ ރައީސެއްގެ ހައިސިއްޔަތުން ދެކެން ބޭނުންވާ މަންޒަރަކީ އެއީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ، ކުންފުނިތަކުގެ ހިންގުމާއި، ކުރިއެރުމާއި، އަދި ނަތީޖާ ނެރުމުގެ ހަގީގަތަށް ބަލާއިރު، ކުންފުންޏެއްގެ އެންމެ އަގުހުރި ރައުސްމާލަކީ އެ ތަނެއްގެ ބެލެންސް ޝީޓުން ސީދާ ފެންނަން އޮންނަ މާލީ އެސެޓްތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ކުންފުނީގެ އެންމެ މުހިންމު ރައުސްމާލަކީ އެ ތަނެއްގެ މައިދޮރުން ކޮންމެ ދުވަހަކު ވަދެނިކުމެވާ ހީވާގި މުވައްޒަފުން ކަމަށާއި، ކުންފުނީގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، އެދެވޭ ނަތީޖާ ނެރެދީ، ކުންފުނީގެ އަގު އުފުލައިދެނީ މުވައްޒަފުންގެ ކިބައިގައި ހުންނަ ޤާބިލުކަމާއި ހުނަރުވެރިކަމުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސަމާލުކަމާއި، ކުންފުނިތަކަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް ޙައްލުކުރެއްވުމަށް އެކަށައަޅުއްވާ ސިޔާސަތުތަކަށްޓަކައި ޑރ. އަޒުވަރު ވަނީ ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.

.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)



.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)








