







ކަރީނާ ކަޕޫރު އަދި ޕްރިތްވީރާޖް ލީޑް ރޯލު ކުޅޭ އައު ފިލްމު 'ދާޔްރާ' ގެ ޕޯސްޓަރ
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާން އަދި ސައުތު ސިނަމާގެ ކުޅަދާނަ ތަރި ޕްރިތްވީރާޖް ސުކުމާރަން ލީޑް ރޯލުން ފެނިގެންދާ އައު ކްރައިމް ތްރިލަރ ފިލްމު 'ދާޔްރާ' ގެ އައު ޕޯސްޓަރު އާންމުކޮށްފިއެވެ.
މި ޕޯސްޓަރު އާންމުކުރުމާއެކު ފިލްމުގެ އޮފިޝަލް ޓްރެއިލާ އޮގަސްޓް 1 ވަނަ ދުވަހު ނެރޭނެކަން ވެސް ވަނީ އިއުލާންކޮށްފައެވެ.
މޮޅެތި ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރ މޭގްނާ ގުލްޒާރު ޑައިރެކްޓްކުރާ މި ފިލްމުގެ އައު ޕޯސްޓަރުން ދައްކުވައިދެނީ، ފިލްމުގެ މައިގަނޑު ދެ ކެރެކްޓަރ "ޤާނޫނުގެ ރޮނގުތަކުގެ ތެރޭގައި ތާށިވެފައިވާ" މަންޒަރެވެ.
މި ފިލްމުގައި ކަރީނާ އަދި ޕްރިތްވީރާޖް ކުޅެނީ ފުލުހުންގެ ދެ އިސް އޮފިސަރުން ކަމަށްވާ ޑީސީޕީ އަޖޫނީ ކޯލީ އަދި ޑީސީޕީ ރަމަން ކުމާރުގެ ރޯލެވެ. މިއީ މި ދެ ތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.
ޙަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ 'ދާޔްރާ' އަކީ ވަރަށް ވަރުގަދަ އިންވެސްޓިގޭޓިވް ތްރިލަރ އެކެވެ. ފިލްމުގެ ވާހަކަ އެނބުރެނީ، ފުލުހުންގެ ނިޒާމުގެ ތެރޭގައި ހިނގާ މައްސަލަތަކަކާ ގުޅިގެން މި ދެ އޮފިސަރުންގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތަކާއި، އިންސާފު ހޯދުމަށް ކުރާ މަސައްކަތުގެ މައްޗަށެވެ.
މޭގްނާ ގުލްޒާރު ބުނެފައިވާ ގޮތުގައި މިއީ މުޖުތަމަޢުއާއި މުއައްސަސާތަކާމެދު ބެލުންތެރިން ފުންކޮށް ވިސްނާލަން މަޖުބޫރުކުރުވާނެ ފިލްމެކެވެ.
ފިލްމުގެ ޓްރެއިލާއަށް ސަޕޯޓަރުން ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުން އަންނައިރު، ޖަންގްލީ ޕިކްޗަރސް އިން ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކަށް އަންނާނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.



