







ދެކުނު ކޮރެއާގެ މަޝްހޫރު އެކްޓަރ ޕާކް ހޭ-ސޫ. އޭނާ އާއި އޭނާގެ އަންހެނުންނަށް ވަނީ ދެވަނަ ފިރިހެން ކުއްޖަކު ލިބިފައި
ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް 'ސްކުއިޑް ގޭމް' އިން މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ދެކުނު ކޮރެއާގެ އެކްޓަރ ޕާކް ހޭ-ސޫ އާއި އޭނާގެ އަންހެނުންނަށް ދެވަނަ ކުއްޖަކު ލިބިއްޖެއެވެ.
މި ދެމަފިރިންނަށް މިފަހަރުވެސް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.
ޕާކް ހޭ-ސޫގެ މެނޭޖްމަންޓް އޭޖެންސީން ވަނީ މި އުފާވެރި ޚަބަރު މީޑިއާތަކަށް ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ. އޭޖެންސީން ބުނެފައިވާ ގޮތުގައި، އަލަށް އުފަންވި ދަރިފުޅާއި މަންމަގެ ސިއްހަތުވެސް ރަނގަޅެވެ. އަދި އާއިލާގެ އެންމެން ތިބީ އައު މެމްބަރުގެ ސަބަބުން ވަރަށް ބޮޑަށް އުފާވެފައި ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
'ސްކުއިޑް ގޭމް' ގައި ޕްލެޔަރ 218 (ޗޯ ސަންގް-ވޫ) ގެ ރޯލުން ފެނިގެންދިޔަ ޕާކް ހޭ-ސޫ ކައިވެނިކުރީ 2019 ވަނަ އަހަރުއެވެ. މި ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބުނީ 2021 ވަނަ އަހަރު، 'ސްކުއިޑް ގޭމް' ރިލީޒްކޮށް އެ ސީރީޒް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިރަލްވަމުން ދިޔަ ދުވަސްވަރުގައެވެ.
މަޝްހޫރު ގިނަ ފިލްމުތަކާއި ސީރީޒްތަކުން ފެނިފައިވާ ޕާކް ހޭ-ސޫ ދެވަނަ ފަހަރަށް ބައްޕައަކަށް ވުމާ ގުޅިގެން، އޭނާގެ ފޭނުންނާއި ފިލްމީ ދާއިރާގެ އެކުވެރިން އަންނަނީ ސޯޝަލް މީޑިއާގައި ހޫނު މަރުހަބާއެއް ކިޔަމުންނެވެ.



