








އެކްޓަރ ޢަލީ ފަޒަލް
އެމެޒޯން ޕްރައިމްގެ އެންމެ ކާމިޔާބު އެއް ވެބް ސީރީޒް ކަމަށްވާ 'މިރްޒާޕޫރް' ގެ މައްޗަށް ބިނާކޮށް ހަދާ ފިލްމާ ގުޅޭގޮތުން އެ ސީރީޒްގެ ލީޑް އެކްޓަރ ޢަލީ ފަޒަލް މުހިންމު މަޢުލޫމާތުތަކެއް ހިއްސާކޮށްފިއެވެ.
މި ސީރީޒްގެ ވާހަކައާއި ކުރިއަށް އޮތް ފިލްމުގެ ވާހަކަ ގުޅިގެންދާ ގޮތް ޢަލީ ފަޒަލް ވަނީ ސަޕޯޓަރުންނަށް އޮޅުންފިލުވައިދީފައެވެ.
މި ފިލްމަކީ ސީރީޒްގެ ކޮން ހިސާބަކުން ފެށޭ ވާހަކައެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށް، ޢަލީ ފަޒަލް ބުނެފައިވަނީ ފިލްމު ބަލަން ދިއުމުގެ ކުރިން ސަޕޯޓަރުން ސީރީޒްގެ ފުރަތަމަ ސީޒަން އަލުން ބަލައިލުން މުހިންމު ކަމަށެވެ. ނަމަވެސް އޭނާ ފާހަގަކުރި އެންމެ ޚާއްޞަ ކަމަކީ، ފުރަތަމަ ސީޒަން އެއްކޮށް ބަލާކަށް ނުޖެހޭނެ ކަމެވެ.
"އެންމެން ގެއަށް ގޮސް ސީޒަން 1 އަލުން ބަލަން ފަށާ. އެކަމަކު ބަލަންވާނީ ހަމައެކަނި 6 ވަނަ އެޕިސޯޑާ ހަމައަށް. ސަބަބަކީ ފިލްމުގެ ވާހަކަ ފެށި، ކުރިއަށްދާނީ 6 ވަނަ އެޕިސޯޑުގައި ހިނގާ ކަންތައްތަކާ ގުޅިގެން،" ފިލްމުގެ ވާހަކަ އަތުރާލެވިފައިވާ ގޮތް ކިޔައިދެމުން ޢަލީ ފަޒަލް ބުންޏެވެ.
މި ވާހަކަތަކުން ދޭހަވާ ގޮތުގައި 'މިރްޒާޕޫރް' ފިލްމަކީ ސީރީޒްގެ އެންމެ ފަހު ސީޒަން ނިމުނު ހިސާބުން ކުރިއަށްދާ ވާހަކައެއް ނޫނެވެ. އޭގެ ބަދަލުގައި ފިލްމުގެ ވާހަކަ އެނބުރޭނީ ފުރަތަމަ ސީޒަންގެ މެދުތެރެއިންނެވެ. މިއީ ސީރީޒްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމުތަކުގައި ވަރަށް މަދުން ނޫނީ ނުފެންނަ، ތަފާތު ގޮތަކަށް ވާހަކަ ގެނެސްދޭނެ ފިލްމަކަށް ވާނެއެވެ.
މި ޚަބަރާއެކު މިރްޒާޕޫރްގެ ސަޕޯޓަރުންގެ މެދުގައި ފިލްމަށް އޮތް ޝައުޤުވެރިކަން ވަނީ އިތުރަށް ބޮޑުވެފައެވެ. އަދި ފުރަތަމަ ސީޒަންގެ 6 ވަނަ އެޕިސޯޑުގައި ހިނގާފައިވާ މުހިންމު ހާދިސާތަކަކީ ކޮބައިތޯ ބެލުމަށް، ގިނަ ބަޔަކު އަންނަނީ ސީރީޒް އަލުން ބަލަން ފަށާފައެވެ.




