


.jpeg?w=3840&q=75)

.jpeg?w=3840&q=75)



ޒުވާން ޚަތީބުން ތަމްރީންކުރުމުގެ 5ވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވާހަކަދައްކަވަނީ. ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ޚުޠުބާ ކިޔުމުގެ ޤާބިލިއްޔަތުކަމާއި، އެ ހުނަރު އެއްވެސް ކުއްޖެއްގެ ކިބައިގައި ހުރެއްޖެނަމަ އެއީ، އެ ކުއްޖެއްގެ ޝަޚުސިއްޔަތަށް އިތުރުވެގެންދާނެ ވަރަށް ރަނގަޅު ސިފައެއް ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ޒުވާން ޚަތީބުން ތަމްރީންކުރުމުގެ 5 ވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ކޮންމެ ދާއިރާއަކުން ކިޔެވިނަމަވެސް ޚަތީބުކަމަކީ އެމީހެއްގެ ހަޔާތުގައި ފަހު ދުވަހާ ޖެހެންދެންވެސް އެމީހާއާއެކުގައި ދަތުރުކުރާނެ މަސްޢޫލިއްޔަތެއް ކަމަށެވެ. އަދި ޚުތުބާކިޔުމުގެ ހުނަރު ކުއްޖަކު ކިބައިގައި ހުރުމަކީ އެ ކުއްޖެއްގެ ޝަޚުސިއްޔަތަށް އިތުރުވެގެންދާން ލިބުނު ވަރަށް ރަނގަޅު ސިފައެއްކަމަށެވެ.

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ 5ވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ޒުވާން ޚަޠީބުންނަކީ ޖަމާޢަތުގައި ބަރާބަރަށް ނަމާދުކުރާ، އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާން ޖެހޭނެ. ތިމާއަށް ލިބޭ ނިޢުމަތާއި، އުފަލާއި ހިތްހަމަޖެހުމަކީ އަބަދުވެސް އެކަމުގައި މައިންބަފައިން ޝާމިލްކުރަން ޖެހޭނެކަމެއް. މައިންބަފައިންގެ ބުރަ މަސައްކަތާއި މައިންބަފައިންގެ ހެޔޮ ނަސޭޙަތާއި، ހެޔޮ ދުޢާގެ ސަބަބުން އަޅުގަނޑުމެންނަށް މި ހިސާބަށް އާދެވިފައި މިވަނީ. - ވަޒީރު ޑރ. ޝަހީމް
ވަޒީރު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ފެށި ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ މަޝްރޫޢުގެ އަމާޒަކީ ޚަޠީބުންގެ އާ ޖީލެއް ބިނާ ކުރުން ކަމަށެވެ. އެގޮތުން އިމާމުކަމުގެ ސެޓްފިކެޓް ލެވެލް 1،2،3 ނިންމާ އިމާމުކަމަށް ނިކުންނަ ފަރާތްތަކާއި، ނިޒާމީ ތަޢުލީމުގެ ތެރެއިން އިސްލާމްދީނާއި ކީރިތި ޤުރުއާނުގެ ޢިލްމު އުނގެނިގެން އިސްލާމް މާއްދާއިން މަތީ ދަރަޖަ ހޯދާ ފާސްވެގެން، އޯލެވެލް އަދި އޭލެވެލް ނިންމާ ދަރިވަރުންގެ ކިބައިގައި އިމާމުކަން ކުރުމުގެ ފުރިހަމަ ޤާބިލިއްޔަތުކަން ހުންނާނެ ކަމަށް ގަބޫލުކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އިސްލާމް މުޤައްރަރަކީ ވަރަށް ގިނަ މަޢުލޫމާތު އޭގައި ހިމެނޭ ވަރަށް ފުޅާ މުޤައްރަރެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވި އެވެ.
ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ، ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި، ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ 5 ވަނަ ބުރުގައި 91 ޒުވާން ޚަތީބުން ތަމްރީންވެ ވަނީ ސަނަދު ހާސިލްކޮށްފައެވެ.ޒުވާން ޚަތީބުންގެ ޕްރޮގްރާމް ކުރިއަށްގެންދަނީ ގްރޭޑް 10، 11، އަދި 12ގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށްގެންނެވެ.







.jpeg?w=3840&q=75)
