
ތިނަދޫގައި އެއާޕޯޓެއް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ކާޑެއްދޫ އެއާޕޯޓު އަވަހަށް ތަރައްގީކޮށްދެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދުވަޑައިގެންފިއެވެ.
އެމަނިކުފާނު މިިގޮތަށް އެދިވަޑައިގެންނެވީ ތިނަދޫގައި ކުރިއަށްދިޔަ "އާބާދީ 60" ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ތިނަދޫގައި އެއާޕޯޓެއް ހެދުމަކީ އެމަނިކުފާނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ތިނަދޫއާ ހައެއްކަ މިނެޓު ދުރުގައި އެއާޕޯޓެއް އޮތުމުންކަން ފާހަގަކުރެއްވިއެވެ. އަދި އެތަން އަވަހަށް ނިންމައި ތަރައްގީ ކުރުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
މީގެއިތުރުން ތިނަދޫ ރައްޔިތުންނަކީ ތޫނުފިލި ބައެއް ކަމަށާއި، އަބަދުވެސް ވިސްނާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ތަރައްގީއަކީ ހަމައެކަނި މާލެ އޮތް ގޮތް ކަމަށް ދެކިގެން ތިނަދޫ މާލެއަކަށް ހަދަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށާއި ގުދުރަތީ ރޭވުންތެރިކަމާއެކު ތަރައްގީ ހޯދަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިފަދައިން ގޮވާލައްވާފައިވާއިރު، ވިލާ ކުންފުންޏާ ހަވާލުކޮށްފައި އޮތް ކާޑެއްދޫ އެއާޕޯޓް މިހާރު ވަނީ ސަރުކާރަށް ދޫކޮށްލާފައެވެ. އަދި އެކަމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ނުވަތަ އެ ކުންފުންޏަށް ޓެކްސް އިން ލުޔެއް ދިނުމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައެވެ.
ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ 2013 ގައި ވިލާއާ 50 އަހަރަށް ހަވާލުކުރި ނަމަވެސް، 2017 ގައި އޭރުގެ ސަރުކާރުން އެއްބަސްވުން ބާތިލުކުރިއެވެ. ނަމަވެސް ޝަރުއީ މަރުހަލާތަކަށްފަހު އެ އެއާޕޯޓު އަލުން ވިލާއާ ހަވާލުކުރީ 2022 ގައެވެ.
މިދިޔަ ދުވަސްތަކުގައި ދިވެހި ސަރުކާރުން ވަނީ ތިނަދޫގައި 600 މިލިއަން ޑޮލަރުގެ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމަށް ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުންޏާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އެ ކުންފުނިން ހުށަހަޅާފައިވަނީ ހަތަރު ކިލޯމީޓަރުގެ ރަންވޭއަކާއި، ބައިނަލްއަގުވާމީ އަދި ޑޮމެސްޓިކް ޓާމިނަލްތަކުގެ އިތުރުން ސީޕްލޭން ޓާމިނަލާއި، ފިއުލް ފާމް އަދި ފްލައިން ސްކޫލަކާއި ލަގްޒަރީ ރިސޯޓެއް އެކުލެވޭ ގޮތަށް އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރަށް އެތަން ތަރައްގީ ކުރުމަށެވެ.
.jpeg?w=3840&q=75)




.jpeg?w=3840&q=75)










