








ރާއްޖޭގެ ރިސޯޓެއް
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހު ތަންފީޒުކުރަން މަދުވެގެން 6 މަސްދުވަހަށް ފަސްކޮށްދިނުމަށާއި، ބައިނަލްއަގްވާމީ ޓްރެވަލް އިންޑަސްޓްރީއާއި އެކު ފުރިހަމަ މަޝްވަރާތަކެއް ކުރުމުގެ ފުރުސަތު ދިނުމަށް އެދި އޭބީޓީއޭ (އަބްޓާ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ސިޓީއެއް ފޮނުއްވައިފި އެވެ.
އަބްޓާ އިން ވަނީ ރާއްޖެއިން ބޭރުގައި ޓުއާ އޮޕަރޭޓަރުންގެ ފަރާތުން ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްކުރާ ރާއްޖެއިން ބޭރުގެ ޓްރެވަލް އެޖެންޓުން ޓެކުހަށް ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށާއި، އެ ފަރާތްތައް މި ޓެކުހުން އިސްތިސްނާވާނެ ކަމުގެ ކަށަވަރުކޮށްދިނުމަށް އެދިފަ އެވެ.
މި ގާނޫނުގައި ހުރި އަސާސީ މައްސަލަތަކުގެ ސަބަބުން ވަކި ހާލަތްތަކެއްގައި މި ޓެކްސް ތަންފީޒުނުކުރެވޭނެ ކަމަށް ގަބޫލުކުރާކަމަށް އަބްޓާއިން ހާމަކުރި އެވެ. އަދި މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އަބްޓާ، އީސީޓީއޭއޭ (އެކްޓާ) އަދި ޑަބްލިއުޓީއޭއޭއޭ (ވްޓާއާ) ގެ މަންދޫބުންނާއެކު ބައްދަލުވުމެއް ބޭއްވުމަށް އެދިފައިވާ އެދުން އަބްޓާއިން ވަނީ ތަކުުރާރުކޮށްކޮށްފަ އެވެ.
މިކަމާ ގުޅިގެން އަބްޓާގެ ޑިރެކްޓަރު އޮފް އިންޑަސްޓްރީ ރިލޭޝަންސް، ސޫޒަން ޑިއާ ވިދާޅުވީ ރާއްޖޭގެ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ދުވަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަކަން އެނގެންއޮތް ކަމަށެވެ. ނަމަވެސް މި އިސްލާހު ގެނެސްފައިވަނީ ބައިނަލްއަޤްވާމީ ޓްރެވަލް ވިޔަފާރިތަކާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތިކަން ފާހަގަކުރައްވާ ސޫޒަން ޑިއާ ވިދާޅުވީ މިފަދަ މަޝްވަރާތަކެއް ކޮށްފައި ނުވުމުގެ ސަބަބުން، ޤާނޫނާއި އޭގެ އިރުޝާދުތައް އެކުލަވައިލެވިފައި ވަނީ އޭގެ ޙަޤީޤީ ބޭނުން ނުހިފޭ ފަދަ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރަށް ސިޓީ ފޮނުވާފަ. މިހާރު މި ކަންބޮޑުވުންތައް ސީދާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ޖެހުނީ އެހެންވެގެން" ސޫޒަން ޑިއާ ވިދާޅުވި އެވެ.
މީގެއިތުރުން މި މައްސަލައާއި ގުޅިގެން އެކްޓާ ގެ ސެކްރެޓަރީ ޖެނެރަލް އެރިކް ޑްރެސިން ވިދާޅުވީ ޔޫރަޕުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން ވަނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ އެންމެ ކުރިއަރާފައިވާ މަންޒިލަކަށް ހެދުމުގައި ބޮޑު ހިއްސާއެއް އަދާކޮށް މަސައްކަތްކުރައްވާފައިވާކަމަށެވެ. ނަމަވެސް އެއްވެސް މަޝްވަރާއެއް ނުކޮށް އަދި އެކަށީގެންވާ ވަގުތެއް ނުދީ، ޤައުމުގެ އެތެރޭގެ ޓެކްސް އިލްތިޒާމުތައް ޤައުމުން ބޭރުގެ ފަރާތްތަކުގެ މައްޗަށް ދެމެހެއްޓުމަކީ، ޤާއިމުވެފައިވާ ވިޔަފާރި މުޢާމަލާތްތަކަށް ވަރަށް ބޮޑަށް ބުރޫއަރާނެ ކަމެއްކަމަށް އެރިކް ޑްރެސިން ފާހަގަކުރި އެވެ.
"މި ޤަވާއިދުތަކަކީ ޢަމަލީ ގޮތުން ތަންފީޒުކުރެވޭ، ޤާނޫނީ ގޮތުން ހަރުދަނާ، އަދި ހުރިހާ ބައިވެރިންނަށް ވެސް އިންޞާފުވެރި ޤަވާއިދުތަކަކަށް ހެދުމަށްޓަކައި، މި ޤާނޫނު ތަންފީޒުކުރުން ވަގުތީގޮތުން މެދުކަނޑާލުމާއި، ވަގުތުން ބިނާކުރަނިވި މަޝްވަރާތައް ފެށުން ނުހަނު މުހިންމު" އެރިކް ޑްރެސިން ވިދާޅުވި އެވެ.
އަބްޓާ އަކީ އިނގިރޭސިވިލާތުގެ ޓްރެވަލް އެޖެންޓުންނާއި، ޓުއަރ އޮޕަރޭޓަރުން އަދި ފަތުރުވެރިކަމުގެ ދާއިރާގެ އެހެނިހެން ފަރާތްތައް ތަމްސީލުކުރާ ވިޔަފާރި ޖަމްޢިއްޔާއެކެވެ.
މި ޖަމްއިއްޔާގެ ދަށުން 3،500 އަށްވުރެ ގިނަ ޓްރެވަލް ބްރޭންޑްތައް ހިމެނެ އެވެ. އަދި އިނގިރޭސިވިލާތުގައި އަހަރަކު ޖުމްލަ 41 ބިލިއަން ޕައުންޑަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާ، ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު ޖަމްޢިއްޔާއެވެ.




