
ކަސްޓަމްސްގެ ހިދުމަތާއި މީގެ ކުރީން ގުޅުނު އޮފިސަރުންތަކެއް މަގާމުގެ ހުވާ ކުރަނީ :- ފޮޓޯ ؛ ކަސްޓަމްސް
ވަތަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސާވިސް ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކުދިންނަށްވެސް ކުރިމަތިލެވޭ ގޮތަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެކި އޮފީސްތަކަށް 26 އެސިސްޓެންޓް އޮފިސަރ ޓްރެއިނީން ހޯދުމަށް އިއުލާންކޮށްފިއެވެ.
ސަރުކާރުން ކުރިއަށްގެންދާ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގައި މިހާތަނަށް ގިނަ ޒުވާނުންތަކެއް ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް ކުދިންނަށް އެމްއެންޑީއެފާއި ފުލުހުންގެ އިތުރުން ސަރުކާރުގެ އެހެނިހެން އިދާރާތަކުންވެސް ވަނީ ވަޒީފާ ހަމަޖައްސައިދީފައެވެ.
ޒުވާނުންނަށް އިސްކަންދޭ ގޮތަށް ކަސްޓަމްސް އިން ކުރި މި އިއުލާނުގައިވާ ގޮތުން، މި މަގާމުތަކަށް ކުރިމަތިލެވެނީ އުމުރުން 18 އަދި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި އުމުރު ހަމަވާ މުއްދަތު ބަލަނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މަގާމުގެ އަސާސީ މުސާރައަކީ 5،000 ރުފިޔާ ނަމަވެސް، އެލަވަންސްގެ ގޮތުގައި 4،660 ރުފިޔާއާއި، އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާގެ އިތުރުން ކޮއްތު ފައިސާ، އިތުރު ގަޑިއާއި ބަންދު ގަޑީގެ ފައިސާ އަދި އެހެނިހެން އިނާޔަތްތަކާއެކު މަހަކު ޖުމްލަ 11،000 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ލިބޭނެއެވެ.
މި މަގާމަށް ކުރިމަތިލުމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބުމާއި، ސެކަންޑަރީ ސްކޫލު އިމްތިހާނުން ދަށްވެގެން 'ސީ' ފާސް ލިބުމުގެ އިތުރުން ކަސްޓަމްސް އިން ކަނޑައަޅާ ފިޒިކަލް ޓެސްޓަކުން ފާސްވުން ހިމެނެއެވެ. ނުވަތަ ކަސްޓަމްސްގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު އޯލެވެލް ދިވެހި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން، އަދި ނޭޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ގައުމީ ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން ޝަރުތުތަކުގައި ވާދަކުރެވޭނެއެވެ.
މި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)



.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)




