
ވެމްކޯގެ މޯބައިލް އެޕްލިކޭޝަން:-
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ފޯރުކޮށްދެމުންދާ އެންމެހައި އިދާރީ ހިދުމަތްތަކާއި ފައިސާގެ މުޢާމަލާތްތައް އެއް ޕްލެޓްފޯމަކުން ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަޤުޞަދުގައި އެ ކުންފުނީގެ ރަސްމީ މޯބައިލް އެޕްލިކޭޝަން އިފްތިތާޙުކޮށްފިއެވެ.
އަލަށް ތަޢާރަފުކުރެވުނު މި ޑިޖިޓަލް ވަސީލަތުގެ ސަބަބުން، ކުންފުނީގެ ޚިދުމަތްތަކަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ އިތުރުން، އާންމުކޮށް އުކާލާ ކުނީގެ ބޭރުން ވަކިވަކިން އުކާލަން ބޭނުންވާ ތަކެތި ނެގުމަށް އެދި ހުށަހެޅުން ވެސް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ވެމްކޯގެ މީޑިއާ އޮފިޝަލް ވަނީ ގާފަށް މައުލޫމާތު ދީފައި އެވެ.
ހަމައެއާ އެކު، ކަސްޓަމަރުންގެ ބިލުތަކުގެ ތަފްސީލުތައް ބަލައިލުމާއި، ކުރިން ދައްކާފައިވާ ފައިސާގެ ރެކޯޑުތައް ފެންނަން ހުރުމުގެ އިތުރުން، އެޕްލިކޭޝަންގެ ތެރެއިން ރައްކާތެރިކަމާ އެކު ބިލަށް ފައިސާ ދެއްކޭނެ ނިޒާމު ވެސް ވަނީ ޤާއިމުކޮށްފައެވެ.
ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމަށްޓަކައި މުހިންމު ފީޗަރތަކެއް މި އެޕްގައި ހިމަނާފައިވެއެވެ. އެގޮތުން، ވެމްކޯގެ ކަސްޓަމަރ ސަޕޯޓް އެޖެންޓުންނާ ސީދާ މުޢާމަލާތްކުރެވޭނެ ޗެޓްގެ ޚިދުމަތާއި، ޝަކުވާތައް ހުށަހަޅޭނެ ފަސޭހަ މަގު ވަނީ ފަހިކޮށްދީފައެވެ.
އަދި ހުށަހަޅާފައިވާ މައްސަލަތަކާއި ރިކުއެސްޓްތައް ގޮސްފައިވާ ހިސާބު ވަގުތުން ވަގުތަށް ބަލައިލެވޭނެކަން ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ގޫގުލް ޕްލޭ ސްޓޯރު އަދި އެޕަލް އެޕް ސްޓޯރުން ހިލޭ ޑައުންލޯޑު ކުރެވޭ މި އެޕްލިކޭޝަން ބޭނުންކުރަން ފެށޭނީ ރައްކާތެރި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ކަމަށްވާ 'އީފާސް' މެދުވެރިކޮށް ލޮގިން ވުމުންނެވެ. ވެމްކޯއިން ވަނީ އެޕްލިކޭޝަން ބޭނުންކުރަން ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެގޮތުން އެކަމަށް ޚާއްސަ ތަފުސީލީ ވީޑިއޯއެއް ވެސް ކުންފުނީގެ ރަސްމީ މީސް މީޑީއާ މަންސަތަކުގައި އާންމުކޮށްފައެވެ.
ރާއްޖޭގެ ހުރިހާ ސިޓީއެއްގެ އިތުރުން މާލެ ސަރަޙައްދުގައި ކުނި މެނޭޖުކުރުމުގެ މައިގަނޑު މަސައްކަތް ކުރަމުން އަންނަ ވެމްކޯއިން ދަނީ، އާބާދީ ބޮޑެތި އެހެނިހެން ރަށްރަށަށް ވެސް މި ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރަމުންނެވެ.

.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)



.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)








