
-
ރޫސީވިލާތުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ހަރުދަނާ ކުރުމަށް އިސްކަންދީގެން، އޮގަސްޓް މަހުގެ 17 އިން 21 އަށް ރޫސީވިލާތުގެ ވެރިރަށް މޮސްކޯ އަދި ވިޔަފާރީގެ މަރުކަޒު ސެއިންޓް ޕީޓަރސްބާގަށް ކުރާ ދަތުރުގައި މޯލްޑިވްސް އެއަރޕޯޓސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބައިވެރިވެއްޖެއެވެ.
މި ދަތުރުގައި ބައިވެރިވާ ޑެލިގޭޝަނުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، އެމްއޭސީއެލް، މޯލްޑިވިއަން، ރިސޯޓް ލައިފް ޓްރެވަލް، އިން ޓުއާ މޯލްޑިވްސް އަދި ފަތުރުވެރިކަމުގެ ދާއިރާގެ އަމިއްލަ އެހެނިހެން ކުންފުނިތަކުގެ މަންދޫބުން ހިމެނެއެވެ.
ރޫސީވިލާތަކީ ދިވެހިރާއްޖެއަށް އެންމެ މުހިންމު އެއް ފަތުރުވެރިކަމުގެ މާކެޓަށް ވާއިރު، މި ދަތުރުގެ މައިގަނޑު ބޭނުމަކީ އެ ގައުމުން ރާއްޖެއަށް އޮތް ބޮޑު ތަރުހީބުގެ މައްޗަށް ބިނާކޮށް މާކެޓު އިތުރަށް ފުޅާކުރުމެވެ. މި ދަތުރުގެ ތެރޭގައި، މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގުގެ ސަރުކާރުގެ އިދާރާތަކާއި، އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޓްރެވަލް ޓްރޭޑް ބައިވެރިންނާ މަންދޫބުން ބައްދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.
މި މަޝްވަރާތަކުގެ މައިގަނޑުގޮތެއްގައި އަމާޒުކުރެވޭނީ ރޫސީވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ގޮތްތަކާއި، އެ މާކެޓުގައި ރާއްޖޭގެ ހަރަކާތްތެރިކަން ވަރުގަދަކުރުމަށާއި، ރާއްޖެ އިޝްތިހާރުކޮށް ވިއްކާ ބައިވެރިންނާއެކު ގާތުން މަސައްކަތްކުރެވޭނެ ގޮތްތައް ހޯދުމަށެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިހާރު ދަތުރުކުރާ އެއާލައިންތަކާއި އަލަށް ގުޅެން ބޭނުންވާ އެއާލައިންތަކާއެކު ބައްދަލުވުންތައް ބާއްވައި، ފްރީކުއެންސީއާއި ކެޕޭސިޓީ އިތުރުކުރުމާއި، އަހަރުގެ ހުރިހާ ދުވަސްވަރަކުވެސް މެދުކެނޑުމެއްނެތް ގޮތަށް ދަތުރުތައް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.
ރޫސީވިލާތަށް ކުރާ މި ދަތުރަކީ 2026 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ޑެލިގޭޝަނަކުން ޗައިނާއަށް ކުރި ދަތުރެކޭ އެއްފަދައިން، ބައިނަލްއަގުވާމީ މުހިންމު މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، ވައިގެ މަގުން ގުޅުވާލުން ފުޅާކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ބައެކެވެ. އެމް.އޭ.ސީ.އެލްގެ އަމާޒަކީ އެއާލައިންތަކާއި ފަތުރުވެރިކަމުގެ ބައިވެރިންނާއެކު ސީދާ މަސައްކަތްކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭ ޚިދުމަތްތައް ފުޅާކޮށް، ފަތުރުވެރިންނަށް ދަތުރުފަތުރުކުރުން އިތުރަށް ފަހިކޮށްދިނުމެވެ.












.jpeg?w=3840&q=75)