.jpeg?w=3840&q=75)
-
ހދ. ނެއްލައިދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ނިންމައި، 2026 އޮގަސްޓް 11 ވަނަ ދުވަހު ވަނީ ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކޮށް ކޮމިޝަންކޮށްފައެވެ. މި ނިޒާމު ޓެސްޓްކޮށް ކޮމިޝަން ކުރުމުގެ މަސައްކަތުގައި މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންގެ އިތުރުން މަޝްރޫޢުގެ ކޮންޓްރެކްޓަރާއި، ފެނަކަ ކޯޕަރޭޝަނުން އަދި ނެއްލައިދޫ ކައުންސިލުން ވަނީ ޢަމަލީގޮތުން ބައިވެރިވެފައެވެ.
މި މަޝްރޫޢަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) ގެ ލޯނު އެހީއާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރއާއެވެ.
މި މަޝްރޫޢުގެ ދަށުން ފެން ޓެސްޓްކުރެވޭ އިކްއިޕްމަންޓްތަކާއެކު ލެބޯރަޓަރީއަކާއި އޮފީސް ޖާގަ ހިމެނޭހެން އާރު.އޯ ޕްލާންޓް އިމާރާތެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ނިޒާމު ހިންގުމަށްޓަކައި އެ އިމާރާތުގައި 21 ކިލޯވޮލްޓުގެ ސޯލަރ ޕެނަލް ވަނީ ހަރުކޮށްފައެވެ. ފެނުގެ ނިޒާމުގެ ދަށުން 2 ބޯހޯލް ތޮރުފައި، ދުވާލަކު 35 ޓަނުގެ ފެން އުފެއްދޭ 2 އާރު.އޯ ޕްލާންޓާއި، ބޯފެން ރައްކާކުރުމަށް 200 ޓަނުގެ 2 ޓޭންކްގެ އިތުރުން 200 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކެއް ވަނީ ބަހައްޓާފައެވެ.
މީގެ އިތުރުން، ރަށުގެ އެކި ސަރަޙައްދުތަކަށް ފެން ފޯރުކޮށްދިނުމަށް 8.8 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ވަނީ އަޅާފައެވެ. ނަރުދަމާ ނިޒާމުގެ ދަށުން 7.5 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގާއަކާއި، 2 ޕަންޕިންގ ސްޓޭޝަން އަދި ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމްކޮށްފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ސީ އައުޓް ފޯލް އެޅުމުގެ މަސައްކަތާއި، ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގެ ތެރޭގައި ކެޗްޕިޓް ބެހެއްޓުމާއި ފެން މީޓަރު ހަރުކުރުމުގެ މަސައްކަތްވެސް ވަނީ ފުރިހަމަކޮށްފައެވެ.
މިހާރު ކުރިއަށްދަނީ މި ނިޒާމު އޮޕަރޭޓްކުރުމުގެ ގޮތުން އޮޕަރޭޓަރާ ހަވާލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެވެ.












.jpeg?w=3840&q=75)
.jpeg?w=3840&q=75)


