
ރައްޔިތުންގެ މަޖިލިސް- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ހިންގަމުންދާ މި އަހަރުގެ ދެވަނަ ދައުރު މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް އިތުރުކުރަން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުމަށް ހުށަހެޅުއްވީ ރިޔާސަތުންނެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދު ﷲ ވިދާޅުވީ މި ނިންމުން ނިންމާފައިވަނީ މި ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުންނާއި، ކޮމިޓީތަކުގައިވެސް ގިނަ މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް ނިންމުމަށް ކަމަށެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދާނެ އެވެ.
އެގޮތުން މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ފުރަތަަމަ ދައުރުގެ ޖަލްސާތައް ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ދެވަނަ ދައުރު ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު، ތިން ވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 1 އިން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
ގަވައިދާ އެއްގޮތަށް ނަމަ މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ހޮނިހިރު ދުވަހަށް ނިންމަންޖެހޭ، ނަމަވެސް މި މުއްދަތު މި ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް މިދިޔަ ހަފްތާގައި ވަނީ އިތުރުކޮށްފަ އެވެ. އަދި ދެވަނަ ފަހަރަށް މި މުއްދަތު ބަދަލުކޮށްފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށެވެ.
ދައުރު ހަމަވިނަމަވެސް މި މުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ އެ ދައުރުގެ މުއްދަތު އިތުރުކުރާއިރު، މި ގޮތަށް ދައުރުގެ މުއްދަތު އިތުރު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސްކޮށްގެންނެވެ.
އެގޮތުން މި ހިނގާ ދައުރު ދެވަނަ ފަހަރަށް އިތުރުކުރުމަށް 58 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފަ އެވެ.

.jpg?w=3840&q=75)
.jpeg?w=3840&q=75)


.jpg?w=3840&q=75)
.jpeg?w=3840&q=75)



