
ހިންވަރު ފިހާރައިން ވައްކަންކުރި މީހާ- ފޮޓޯ: ފުލުހުން
ޅ. ހިންނަވަރު ފިހާރައަކުން ވަގަށްނެގި ތަކެތި ހޯދައި، ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތަރިފިޔަޖަހާގެ / ޅ. ހިންނަވަރު، ރިފްނާޒު މޫސާ (39އ) ކަމަށެވެ.
ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ހިންނަވަރު ފިހާރައަކުން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އާދިއްތަ ދުވަހުގެ ހެނދުނު މި މައްސަލަ ހުށަހެޅުމާއެކު، ވައްކަންކުރި މީހާ ދެނެގަނެ އަދި ފިހާރައިން ވަގަށްނެގި ތަކެތި ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ފުލުހުން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ކުރެވުނު މަސައްކަތުގައި ފިހާރަ އާއި އެ ސަރަހައްދުގެ ބައެއް ގޭގޭގައި ހަރުކޮށްފައިވާ ސީސީޓީވީ ފޫޓޭޖުތައް ބަލާފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ދެނެގަނެ އޭނާ ހޯދައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އެ ފިހާރައިން އޭނާ ވަގަށް ނެގިކަމަށް ބެލެވޭ ފަސް މޯބައިލްފޯނާއި، ހަ ކާޓޫނާ ސިނގިރޭޓް އަދި އެހެނިހެން ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.



.jpg?w=3840&q=75)




.jpg?w=3840&q=75)



