
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ދެ ބޭފުޅަކު އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ނިންމައިފިއެވެ.
އެލްޖީއޭގެ ބޯޑުގެ ތިން މެންބަރެއްގެ މަގާމުގެ މުއްދަތު ކުރިއަށް އޮތް ސެޕްޓެމްބަރު މަހަށް ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާންޖެހޭ ދާއިރާތަކުގެ ތެރެއިން ދެ ދާއިރާއަކުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވާފައި ވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ.
އެމަނިކުފާނު ފޮނުއްވާފައިވަނީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން އަންހެން މެންބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަން ކުރައްވާ މެންބަރުންގެ ނަންތަކެވެ.ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިންނާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަން ކުރައްވާ މެންބަރުންގެ ނަންފުޅުތަކެވެ.
މިންތީގެ ހަމަހަމަކަން (ޖެންޑަރ އިކުއަލިޓީ) ގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި އެލްޖީއޭގެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވާފައިވަނީ ގދ. ގައްދޫ، ތިބުރޯޒުގެ އައިޝަތު އާރިފާގެ ނަންފުޅެވެ.
އަދި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ށ. ކަނޑިތީމު، ރަތްވިލާގެ މުޙައްމަދު އާރިފްގެ ނަންފުޅެވެ.
މިއަދު ބޭއްވި ލާމަރުކަޒީ ކޮމިޓީގައި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ވަޙީދު ހުށަހަޅުއްވާފައިވަނީ، އެ ދެ ބޭފުޅުންނާއި އިންޓަރވިއުކުރުމަށްފަހު، އެ ދެބޭފުޅުންނަށް ވެސް އެވްރެޖްކޮށް 75އިން މަތިން މާކްސް ލިބިފައިވާތީ، އެ ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަކަމަށް ފާސްކުރުމަށެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާއެވެ. އެ ހުށަހެޅުން ފާސްކުރައްވާފައިވަނީ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.
ޖުމްލަ 9 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެލްޖީއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، ގާނޫނު އަސާސީގެ 140 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރަކާއި، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖުރިބާ ލިބިފައިވާ މެންބަރެއްގެ އިތުރުން މަދަނީ ޖަމިއްޔާގެ މެންބަރެކެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅުއްވާ އެ އޮފީހުގެ މުވައްޒަފެއް އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ވެސް ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.










