


.jpg?w=3840&q=75)





މާލެ ސިޓީ މޭޔަރު އާޒިމް- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ރައްޔިތުންގެ ބައްދަލުވުމުގެ ހަރަދުތަކާއި ގުޅިގެން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާޒިމް ވިދާޅުވެއްޖެ އެވެ.
މޭޔަރު މިހެން ވިދާޅުވީ ބައެއް އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާގައި ރައްޔިތުންގެ ބައްދަލުވުމުގެ ހަރަދުތަކާއި ގުޅުވައިގެން ހަގީގަތާ ހިލާފަށް ފަތުރަމުންދާ ހަބަރުތަކަކާ ގުޅިގެން އެކަން ދޮގުކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މޭޔަރު ވިދާޅުވީ 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުމަށް 2،050،520 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ހަރަދު ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު މި ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ ބައްދަލުވުމަށް 567،839.34 ރުފިޔާ އަދި ޖުލައި މަހުގެ ބައްދަލުވުމަށް 585،137.34 ރުފިޔާ ހަރަދުވެފައިވާ ކަމަށް މޭޔަރު ފާހަގަކުރި އެވެ.
"މި ދެ ބައްދަލުވުމުގެ ޚަރަދުވެސް ވަނީ ކުރިއަށްވުރެ ކުޑަކުރެވިފައި، ނަމަވެސް ބައެއް ނޫސްތަކުން ޒިންމާދާރުކަމެއް ނެތި ސުރުޚީ އަޅާފައިވަނީ މުޅި އަހަރުގެ ޚަރަދު އެއީ އެންމެ ބައްދަލުވުމެއްގެ ޚަރަދުކަމަށް ދޭހަވާ ގޮތަށް." މޭޔަރު ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާޒިމް ވަނީ މިފަދަ ހަގީގަތާ ހިލާފު، ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ހަބަރު ފެތުރުމުގައި ޒިންމާދާރުވެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކަށް މޭޔަރު ވަނީ އިލްތިމާސްކޮށްފަ އެވެ.



.jpg?w=3840&q=75)




