
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) ގެ މެނޭޖްމަންޓުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އިސްވެރިންނާ ބައްދަލުކޮށް، މަޝްވަރާކޮށްފިއެވެ.
މިއީ ހައްޖާއި އުމްރާގެ އަޅުކަމަށް ފުރާ ދިވެހި ހައްޖާޖީންނަށް ބޭނުންވާ ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ބޭއްވި ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ހައްޖުވެރިންނަށް ބޭނުންވާ ޒަރޫރީ ބޭހާއި ސިއްހީ ސާމާނު ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކަމާ ގުޅޭ އިންތިޒާމުތައް ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.
މި ބައްދަލުވުމުގައި ހައްޖު ކޯޕަރޭޝަނުން ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ހައްޖާޖީންނަށް ބޭނުންވާ ބޭސް ހޯދަމުން އައީ އެކި ފަރާތްތަކުންނެވެ. ނަމަވެސް، ބޭސް ހޯދުމުގެ ކަންކަން އެއް ނިޒާމެއްގެ ދަށުން މިއަށްވުރެ ރަނގަޅަށް އިންތިޒާމުކުރުމަށްޓަކައި، ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ގަތުމަށް އެ ކޯޕަރޭޝަނުން ޝައުގުވެރިވާކަން ވަނީ ހާމަކޮށްފައެވެ.
ބޭހާއި ސިއްހީ ސާމާނު ފޯރުކޮށްދޭ މައި ކުންފުނީގެ ހައިސިއްޔަތުން، ސްޓޭޓް ފާމާއަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ ކުންފުންޏެވެ. އެހެންކަމުން، ހައްޖު ކޯޕަރޭޝަނާއެކު ގާއިމުކުރެވޭ މި ގުޅުމަކީ، ގައުމީ މުއައްސަސާތަކަށް ބޭނުންވާ ސިއްހީ ސާމާނު ފޯރުކޮށްދިނުމުގައި ސްޓޭޓްފާމާއަށް އެހީތެރިވެދެވޭނެ މުހިންމު އިތުރު ދާއިރާއެއް ކަމަށް އެ ކުންފުނިން ދެކެއެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުގެ މެދުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ، ހައްޖު އަދި އުމްރާ ދަތުރުތަކުގައި ދިވެހިންނަށް އެންމެ ފުރިހަމަ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި، ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދުމުގެ ކަންކަން ދެމެހެއްޓެނިވި އަދި ހަރުދަނާ އުސޫލަކުން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ.

.jpg?w=3840&q=75)
.jpeg?w=3840&q=75)


.jpg?w=3840&q=75)
.jpeg?w=3840&q=75)







