



.jpg?w=3840&q=75)




-
ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށް ނުވަތަ މި ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިއަކަށް ވިޔަސް، އެއް ފެންވަރެއްގެ ޕްރޮފެޝަނަލް އަދި އޯގާތެރި ފުލުހުންގެ ޚިދުމަތެއް ލިބުމަކީ ކަށަވަރުވާންޖެހޭ އަސާސީ ޙައްޤެއް ކަމަށާއި، ޤައުމުގެ ޖިއޮގްރަފީގެ ތަފާތަކީ ޚިދުމަތުގެ ފެންވަރު ކަނޑައަޅާ އަސާސަކަށް ވެގެން ނުވާނެ ކަމަށް ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ލަޠީފް ވިދާޅުވެއްޖެއެވެ.
ޑީސީޕީ (ރިޓަޔަރޑް) އިބްރާހީމް ލަޠީފް މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އިސްކަންދަރު ކޮށީގައި ކުރިއަށްގެންދާ "އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026" ގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި މުއައްސަސާގެ ސީނިއަރ އެގްޒެކެޓިވް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ލަޠީފް ވިދާޅުވީ، ކިތަންމެ އެކަހެރި ރަށެއްގައި ދިރިއުޅޭ ރައްޔިތެއް ކަމުގައި ވިޔަސް ފުރަމާލޭގައި ދިރިއުޅޭ މީހެކޭ އެއްފަދައިން ފުރިހަމަ އިޙްތިރާމާއި ސަމާލުކަމާއެކު ޕްރޮފެޝަނަލް ޚިދުމަތް ޙައްޤުވާނެ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫގައި އަނިޔާގެ ޝިކާރައަކަށްވާ ފަރާތަކަށް ލިބޭ އަޅާލުމާއި އެހީތެރިކަން، ހއ. ތުރާކުނުގައި ހުންނަ ފަރާތަކަށްވެސް ހަމަ އެ މިންވަރަށް ލިބެންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތަކީ ސައިންސާއި ފަންނު އެކުލެވިގެންވާ ކަމެއްކަން ބަޔާންކުރައްވަމުން ލަޠީފް ވިދާޅުވީ، ހެއްކާއި އިންޓެލިޖެންސާއި ޓެކްނޮލޮޖީއާއެކު އޯގާތެރިކަމާއި އިންސާނިއްޔަތުކަން އިސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ހައްޔަރުކުރުމާއި ތަޙުޤީޤު ކުރުމުގެ ބާރުތަކަށްވުރެ އޯގާތެރިކަން މާ މުހިންމުވާ ދަނޑިވަޅުތައް އަންނާނެކަން ފާހަގަކުރައްވައި، އަނިޔާގެ ޝިކާރައަކަށްވާ މީހަކަށް ނުވަތަ ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ޢާއިލާއަކަށް އެހީތެރިވާ ވަގުތު އެމީހުން ބަލާނީ ކޮނޑުގައިވާ ރޭންކަކަށް ނޫން ކަމަށާއި ޔުނިފޯމްގެ ފަހަތުގައިވާ އިންސާނާއަށް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ކުށް މަދުކުރުމުގައި އެންމެ އެދެވޭ ނަތީޖާއެއް ނެރެވެނީ ކުށް ހިނގުމުގެ ކުރިން މުޖުތަމަޢާ ގުޅިގެން ކުރެވޭ "ޕްރޯއެކްޓިވް" މަސައްކަތުން ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ވެސްޓަރން އޮސްޓްރޭލިއާ ޕޮލިސްގެ ސްޓްރެޓީޖިކް އެޑްވައިޒަރަކަށް ހުންނެވި ދުވަސްވަރު އެކުލަވާލެއްވި ތިން މަރުޙަލާގެ ކޮމިއުނިޓީ މޮޑެލްގެ ތަޖުރިބާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ފްރަންޓްލައިން އޮފިސަރުން ސްކޫލްތަކާއި ބެލެނިވެރިންނާ ގުޅުން ބަދަހިކުރުމާއި، މިޑް-ލެވެލް މެނޭޖްމަންޓުން ކައުންސިލްތަކާއި މަދަނީ ޖަމްޢިއްޔާތަކާ ގުޅުން ޤާއިމުކުރުމުގެ އިތުރުން، އެގްޒެކެޓިވް ލެވެލްގައި މުޖުތަމަޢުގެ އިސް ފަރާތްތަކާ ވިލަރެސްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އަޚްލާޤާއި ސުލޫކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޑިސިޕްލިން ފެށެންޖެހޭނީ ލީޑަރޝިޕުން ކަމަށާއި، ބޭރުގެ އެކި ނުފޫޒުތަކަށް ޖާގަ ނުދީ ޗެއިން އޮފް ކޮމާންޑް ހިފެހެއްޓުމަށް އޮފިސަރުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި ނަޒާހަތްތެރިކަން ގެއްލޭފަދަ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށާއި، ކޮމިޝަނަރ އޮފް ޕޮލިސްގެ ފަހަތްޕުޅުގައި ސާބިތުވެ ތިބެ، މުއައްސަސާގެ އަގުތަކާއި ފަޚުރުވެރި ތަރިކަ ރައްކާތެރިކުރުމަށް އެދިވަޑައިގެންނެވިއެވެ.
2026 ނޮވެމްބަރު 8 އިން 10 އަށް އިސްކަންދަރު ކޮށީގައި ކުރިއަށްދާ މި ކޮންފަރެންސަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލްއުސްތާޛު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމަށް ބާއްވާ ކޮންފަރެންސެކެވެ.




.jpg?w=3840&q=75)


