.jpg?w=3840&q=75)








ރާއްޖޭގައި ފަތުރުވެރިންތަކެއް - ފޮޓޯ: މީސްމީޑިއާ
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ކ އަތޮޅަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރިފައިވާ ރިޕޯޓް "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" އިން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ކ އަތޮޅަށް 591،826 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މި އަތޮޅަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެއީ ފަތުރުވެރިކަމަށް 64،891 އެނދު ފަތުރުވެރިކަމަށް ނެރިފައިވާ އަތޮޅެވެ. އެންމެ ގިނަ އެނދު ނެރިފައިވާއިރު، ކ. އަތޮޅުގައި އޮޕަރޭޓްކުރާ އެނދުގެ އަދަދަކީ 25،370 އެވެ. މީގެތެރެއިން ރިސޯޓްތަކުން 15،516 އެނދު، ހޮޓެލްތަކުން 1،646 އަދި ގެސްޓުހައުސްތަކުން 8،208 އެނދު ވަނީ އޮޕަރޭޝަނަށް ނެރިފަ އެވެ.
ފަތުރުވެރިން ދެން އެންމެ ގިނައިން އދ. އަތޮޅަށް ޒިޔާރަތްކޮށްފައިވާއިރު، ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރ. އަތޮޅަށެވެ. އެއީ އދ އަތޮޅަށް ޖުމްލަ 107،990 ފަތުރުވެރިން އަދި ރ އަތޮޅަށް 103،740 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 4 އިންސައްތަ ދަށް އަދަދެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް 11،311،632 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ވިޔަފާރީގެ އެކި ބޭނުންތަކަށް ޒިޔާރަތްކޮށްފައިވަނީ 11،254 ފަތުރުވެރިން ނެވެ. އަދި ކުރޫޒްލައިނަރތަކުން ޒިޔާރަތްކޮށްފައިވަނީ 15،577 ފަތުރުވެރިންނެވެ.
މީގެއިތުރުން ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް ކޮންމެ ދުވަހަކު އެވްރެޖްކޮށް 7،975 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ. އަދި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޗައިނާއިން ޒިޔާރަތްކޮށްފައިވާއިރު، އެއީ 2 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިންނެވެ.
.jpg?w=3840&q=75)



