
-
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލު ސިފައިން ޣައްޒާގފެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި މަދުވެގެން އެކަކު ޝަހީދުވެ، އިތުރު އަށް މީހަކު ޒަޚަމްވެއްޖެ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ޓެލެގްރާމް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުން މީގެ ކުރިން ދިން ހަމަލާއެއްގައި ވެއްޓިފައިވާ އިމާރާތެއްގެ ކުނިތަކުގެ ދަށުންވެސް އިތުރު މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން، މިދިޔަ އަހަރު އިއުލާނުކުރި "ސީޒްފަޔާ" ނުވަތަ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށްފަހުވެސް، އިސްރާއީލުން ދެމުންދިޔަ ނުރައްކާތެރި ހަމަލާތަކުގައި ފަލަސްތީނުގެ 1,258 މީހުން ޝަހީދުވެެ، 4,139 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އޮކްޓޫބަރު 2023 ގައި އިސްރާއީލުން ގާޒާއާ ދެކޮޅަށް ފެށި އުދައްގުލާއި ގަތުލުއާންމުގައި މިހާތަނަށް މަދުވެގެން 73,386 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު ވަނީ 174,250 އަށް އަރާފައެވެ.
ސިއްހީ ޚިދުމަތްތައް މުޅިން ހަލާކުވެ، ކާބޯތަކެއްޗާއި ބޭހުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ޣައްޒާއަށް، އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ މަސައްކަތްތަކަށް އަދިވެސް ވަނީ އެކަށީގެންވާ ނަތީޖާއެއް ނެރެވޭގޮތް ނުވެފައެވެ.














