
ލަންކާ މާސްޓާރސް: ނާފީ ގޯލްޑް ހޯދިއިރު، ފުރަތަމަ ދުވަހު ރާއްޖެއަށް ހަ މެޑަލް
# ލަންކާ މާސްޓާރސް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2026# މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސް# ދިވެހި ކުޅިވަރުނާފީ މާލޭގައި މާސްޓާރސް މުބާރާތުގައި ވާދަކުރަނީ.. ފޮޓޯ: ގާފު ސްޕޯޓްސް
ސްރީލަންކާގައި މިހާރު ކުރިއަށްދާ 12 ވަނަ މާސްޓާރސް އެނުއަލް އެތްލެޓިކްސް ޗެންޕިއަން ޝިޕް މިއަދު ފެށިއިރު، މުބާރާތުގެ ފުރަތަމަ ދުވަހު ރާއްޖެ އިން ހަ މެޑަލް ހޯދައިފިއެވެ.

އެގޮތުން މިއަދު ހެނދު ކުރިއަށްދިޔަ 40 އަހަރުން މަތީގެ ފިރިހެން 100 މީޓަރު ދުވުމުން ރާއްޖޭގެ އަހުމަދު އަބްދުލް އަޒީޒް (ކެވިން) ބްރޯންޒް މެޑަލް ހޯދިއިރު، މިއީ ރާއްޖެއިން ބޭރު މާސްޓާރސް މުބާރާތެއްގައި ކެވިން ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި މިމަހުގެ ކުރީކޮޅު މާލޭގައި ބޭއްވުނު މާސްޓާރސް މުބާރާތުގައި ކެވިން ވަނީ 100 މީޓަރާއި 200 މީޓަރު ދުވުމުން ގޯލްޑް މެޑަލް ހޯދާފައެވެ.
މޫމިނާ މާލޭގައި މާސްޓާރސް މުބާރާތުގައި ވާދަކުރަނީ ފޮޓޯ: ގާފު ސްޕޯޓްސް
މީގެ އިތުރުން މިއަދު ހެނދުނު ކުރިއަށްދިޔަ 35 އަހަރުން މަތީގެ ފިރިހެން 100 މީޓަރު ދުވުމުގައި ވާދަކުރި އިބްރާހިމް ފާރިޝް ހަތަރުވަނަ ހޯދިއިރު، 60 އަހަރުން މަތީގެ އަންހެން 100 މީޓަރުގައި ވާދަކޮށް ރާއްޖޭގެ މޫމިނާ މުހައްމަދު ވަނީ ސިލްވާ މެޑަލް ހޯދާފައެވެ.
މުބާރާތުގެ 35 އަހަރުން މަތީގެ ފިރިހެން 800 މީޓަރު ދުވުމުން ރާއްޖޭގެ މުހައްމަދު ރަޝީރު (މޯޑް) ސިލްވާ މެޑަލް ހޯދިއިރު، މޯޑް ވަނީ 35 އަހަރުން މަތީގެ ފިރިހެން 3000 މީޓަރު ސްޓީޕްލްޗޭސް އިވެންޓްގައި ވާދަކޮށް 11 މިނެޓް 58 ސިކުންތުން ރޭސް ފުރިހަމަކޮށް މިއިވެންޓުން ހަތަރުވަނަ ހޯދާފައެވެ.
މޯޑް މާލޭގައި މާސްޓާރސް މުބާރާތުގައި ވާދަކުރަނީ.. ފޮޓޯ: ގާފު ސްޕޯޓްސް
މީގެ އިތުރުން މުބާރާތުގެ 45 އަހަރުން މަތީގެ އަންހެން 800 މީޓަރުގައި ވާދަކޮށް ރާއްޖޭގެ ހުސްނާ މުހައްމަދު (ހުސީ) ސިލްވާ މެޑަލް ހޯދިއިރު، މިއިވެންޓުން ބްރައުންޒް މެޑަލް ހޯދީ ރާއްޖޭގެ ފާތުމަތު ޝަމްހާ އަދި މިއަދު ހަވީރު ކުރިއަށްދިޔަ މިއުމުރުފުރާގެ 400 މީޓަރު ދުވުމުގައި ވާދަކޮށް ހުސީ ވަނީ އެއިވެންޓުން ވެސް ސިލްވާ މެޑަލް ހޯދާފައެވެ.
ހުސީ މާލޭގައި މާސްޓާރސް މުބާރާތުގައި ވާދަކުރަނީ ފޮޓޯ: ގާފު ސްޕޯޓްސް
މިއަހަރުގެ މުބާރާތުގައި ރާއްޖެއަށް ފުރަތަމަ ގޯލްޑް މެޑަލް ހޯދައިދިނީ ނާފިޒާ އަހުމަދު (ނާފީ) އެވެ. ނާފީ ގޯލްޑް މެޑަލް ހޯދީ މިއަދު ހަވީރު ކުރިއަށްދިޔަ 55 އަހަރުން މަތީގެ އަންހެން 400 މީޓަރު ދުވުމުންނެވެ. އަދި މިއީ އެތްލެޓިކްސް އިން ރާއްޖެއަށް އެންމެ ފުރަތަމަ ރަން މެޑަލް ހޯދައިދިން ނާފީގެ މާސްޓާރސް އިން ރާއްޖެއަށް ހޯދައިދިން ދެވަނަ ގޯލްޑް މެޑަލެވެ.
ކެވިން މާލޭގައި މާސްޓާރސް މުބާރާތުގައި ވާދަކުރަނީ.. ފޮޓޯ ގާފު: ސްޕޯޓްސް
އެގޮތުން މިދިޔަ އަހަރު ބޭއްވި ލަންކާ މާސްޓާރސް މުބާރާތުގައި 55 އަހަރުން މަތީގެ އަންހެން 1500 މީޓަރު ދުވުމުން ގޯލްޑް މެޑަލް ހޯދުމުގެ އިތުރުން އެމުބާރާތުގައި ނާފީ ވަނީ 300 މީޓަރު ހާޑަލްސް އިވެންޓްގައި ވާދަކޮށް ބްރޯންޒް މެޑަލް ހޯދާފައެވެ. މީގެ އިތުރުން މި މަހުގެ ކުރީކޮޅު މާލެގައި ބޭއްވި މާސްޓާރސް މުބާރާތުގައި ވާދަކޮށް ނާފީ ވަނީ 55 އަހަރުން މަތީގެ އަންހެން 100 މީޓަރު، 200 މީޓަރު، 400 މީޓަރު އަދި 1500 މީޓަރު ދުވުމުން ގޯލްޑް މެޑަލް ހޯދާފައެވެ.
23 މެއި 2026 އިން 25 މެއި 2026 ގެ ނިޔަލަށް، ލަންކާގެ ވެރިރަށް ކޮލަމްބޯގެ ސުގަތަދާސާ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑިޔާ އަދި ސްރީލަންކާ އިން ވަނީ ޖުމްލަ 660 އެތްލީޓުން ބައިވެރިވެފައެވެ. މިމުބާރާތުގައި މިއަހަރު ރާއްޖެ އިން 11 އެތްލީޓަކު ވާދަކުރަމުން އަންނައިރު، އޭގެތެރޭގައި ހިމެނެނީ ފިރިހެން ހަތް އެތްލީޓުންނާއި ހަތަރު އަންހެން އެތްލީޓުންނެވެ.
ގުޅުންހުރި

ލަންކާ މާސްޓާރސް: ނާފީ ގޯލްޑް ހޯދިއިރު، ފުރަތަމަ ދުވަހު ރާއްޖެއަށް ހަ މެޑަލް

މައިލޯ ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް: މެޓްރިކްސް އިން ޖެހިޖެހިގެން ހަވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި
.jpg&w=3840&q=75)
މިއަހަރުގެ ލަންކާ މާސްޓާރސް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމުން ނުކުންނާނީ ތަށި ދިފާއުކުރަން




