



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



އެހެން މީހެއްގެ ސެކިއުރިޓީ ފާސް ހިފައިގެން އެއަރޕޯޓަށް ވަންނަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ އޭވިއޭޝަން ސެކިއުރިޓީން އެހެން މީހަކަށް ދޫކޮށްފައިވާ ފާހެއް ބޭނުންކޮށްގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސަލާމަތީ ސަރަހައްދަށް ވަންނަން މަސައްކަތްކުރި އިންޑިއާ މީހެކެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓުން ވަނީ ޖަހާދީފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ އުމުރުން 45 އަހަރުގެ ސަންޖީވާ ރެއްޑީ ޔެލްމާ ނަމަކަށް ކިޔާ އިންޑިއާ މީހެކެވެ. ކުރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ސަންޖީވާ ގަވާއިދާ ހިލާފަށް އެއާޕޯޓުގެ ތެރެއަށް ވަންނަން އުޅުނީ އިރުމަތީ ފަރާތު 51 ނަންބަރު ގޭޓުންނެވެ. އޭނާ އެތެރެއަށް ވަނުމަށް ބޭނުންކުރީ އެހެން ބިދޭސީއަކަށް އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ދޫކޮށްފައިވާ އެކްސެސް ފާހެކެވެ.
މީގެއިތުރުން، އެ ފާސް ނިސްބަތްވާ މީހާގެ ވޯކް ވިސާ މިހާރު ވަނީ ބާތިލުކޮށްފައި ކަމަށްވެސް އަމުރުގައި ބުނެފައިވެއެވެ.
ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސަންޖީވާ ބުނީ، އޭނާ އެއާޕޯޓަށް ވަންނަން ގެންގުޅުނު ފާހަކީ އޭނާ މަސައްކަތްކުރާ ތަނުގެ "ބޮސް" ދިން ފާހެއް ކަމަށެވެ.
ނަމަވެސް، ހުއްދަނެތި ތަނަކަށް ވަންނަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އޭނާއާ ދެކޮޅަށް ކޮންމެވެސް މިންވަރަކަށް ހެކި ހުރުމުންނާއި، އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.




.jpg?w=3840&q=75)