
%20(2).jpeg?w=3840&q=75)







ގައްދޫ އާއި ތިނަދޫ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް ގދ. އަތޮޅު މުބާރާތުގެ ކުޅުން މިއަދު ހަވީރު ފެށިއިރު، ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 4-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ތިނަދޫ ބަލިކޮށް ގައްދޫ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ގައްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ގައްދޫ އިންނެވެ. މިލަނޑަކީ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ތިނަދޫގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށްހުރެ ގައްދޫ ޓީމުގެ އަހުމަދު ރިފްޝާން ކުރިއަށް ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ތިނަދޫގެ ޑިފެންޑަރު ނަވާޒު އަހުމަދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ތިނަދޫ އިން ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަލައިން އެވެ. މިއީ ގައްދޫގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމެއްގައި ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް އޭގެ ތިން މިނެޓުފަހުން ގައްދޫ ޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ސެމުއެލް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ގައްދޫ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ގައްދޫ ޓީމުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ތިންވަނަ ލަނޑު ފަހުހާފުގެ 65 ވަނަ މިނެޓުގައި އަލީ މުހައްމަދު ކާމިޔާބުކުރިއިރު، ހަތަރުވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސެމުއެލް އެވެ.
15 ޑިސެންބަރު 2025 އިން 22 ޑިސެންބަރު 2025 ގެ ނިޔަލަށް ގައްދޫގައި ކުރިއަށްދާ އެޓޯލް ޗެމްޕިއަންޝިޕް ގދ. މުބާރާތުގައި މިއަހަރު ތިން ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ގައްދޫ އާއި ތިނަދޫގެ އިތުރުން ހޯނޑެއްދޫ އެވެ. އަދި މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ފައިނަލަށް ހޮވޭ ގޮތަށެވެ.





%20(2).jpeg?w=3840&q=75)


