








ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުން އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވައިފިއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ނަމުގައި ހިންގި ކުންފުންޏަށް ޝިއުރީ އައްޔަން ކުރެއްވީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.
އޭނާ މަގާމުން މިއަދު އިސްތިއުފާ ދެއްވިނަމަވެސް، ސަބަބު ސާފުވާގޮތެއް ނުވެއެވެ.
ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝިއުރީ ހުންނެވީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމުގައެވެ. އަދި ވޯލްޑް ބޭންކު "އެންހޭންސިން އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް" ޕްރޮޖެކްޓެއްގެ ސްޓިއަރިން ކޮމިޓީ މެމްބަރެއްގެ ގޮތުގައި ވެސް ޝިއުރީ މަސައްކަތް ކުރައްވާފައިވާއިރު، ތަފާތު އެހެން އެތައް ޕްރޮޖެކްޓެއްގައިވެސް އިސްކޮށް ޝިއުރީ މަސައްކަތް ކުރައްވާފައިވެއެވެ.
މީގެ އިތުރުން ޝިއުރީ ވަނީ، އަމިއްލަ ކުންފުންޏެއްގައި ޑިރެކްޓަ ޕްރޮޖެކްޓްސް އެންޑް އިންފްރާސްޓްރަކްޗާ މަގާމު އަދާކުރައްވައި އެއާޕޯޓު ތަރައްގީ ކުރުމުގެ އެކިއެކި މަޝްރޫއުތަކުގައި އިސްކޮށް މަަސައްކަތް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ފުވައްމުލަކު އެއާޕޯޓު ޕްރޮޖެކްޓާއި ދަރަވަންދޫ އެއާޕޯޓާއި އިފުރު އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓާއި ކުޑަހުވަދޫ އެއާޕޯޓު އަދި ކުޅުދުއްފުށި އެއާޕޯޓު ޕްރޮޖެކްޓް ވެސް ހިމެނެ އެވެ.
ގައުމީ އިނާމާއި ޒުވާނުންގެ އިނާމު ވެސް ހާސިލް ކުރައްވާފައިވާ ޝިއުރީއަކީ މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޕަބްލިކް ރިލޭޝަން އެންޑް ކޮމިއުނިކޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.




