







ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން --
ކަޅުބާޒާރުގައި ޑޮލަރު ވިޔަފާރީގައި ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓްތަކުގެ ބައިވެރިވުން އޮތްކަމަށް ފާހަގަކުރެވިފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ދިޔުމާއި ގުޅިގެން އެކަން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން 7 ފަރާތަކުން ފާއިތުވި ނުވަމަސް ދުވަސް ތެރޭގައި 76 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވާ ކަމަށް ވަޒީރިު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނީ ދިވެހިރާއްޖޭގައި ޑޮލަރުން އާމްދަނީ ހޯދާ ފަރާތްތަކުން ކަމަށެވެ. އޭގެތެރޭގައި ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ރިސޯޓްތައްވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"ރިސޯޓަކުން އެބަވޭ 9 މަސްތެރޭގައި 4 މިލިޔަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައި. ކޮންސްޓަރްކަޝަން ރިސޯޓު ހަދަން ޑޮލަރުން އާމްދަނީ ހޯދާފައިވެސް ކަޅު ބާޒާރުގައި އެބަ ވިއްކާ. އަދި ކަޅުބާޒާރުގެ އަގު ކަނޑައަޅަން ސިޔާސީ ބައެއް މީހުންވެސް އެބަ ޝާމިލުވޭ" - ވަޒީރު އިހުސާން
ވަޒީރު ވިދާޅުވީ ރާއްޖޭގެ ގާނޫނު ބުނާ ގޮތުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަނުނަގައި ކުރުމަކީ ޖިނާއީ ކުށެއްކަމަށެވެ. އަދީ އެކުށް ކޮށްގެން ހޯދާ ފައިސާ އެއްވެސް ގޮތަކަށް ބޭނުންކުރުމަކީ މަނީ ލޯންޑަރ ކުރުން ކަމަށްވެސްެ ރާއްޖޭގެ ގާނޫނުގައި ބުނެގައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
ކަޅުބާޒާރުގައި ހުއްދަ ނުނަގާ ޑޮލަރު ވިއްކާ ކޮންމެ ޓްރާންސެކްޝަނަކީ އެއަށް ޤާނޫނުގެ ދަށުން އެމްއެމްއޭއިން ފިޔަވަޅު އަޅާނެއެވެ. އެގޮތުން 5 ހާހާއި 1 މިލިޔަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.








.jpeg?w=3840&q=75)