







ހަތް ފަރާތަކުން ފާއިތުވި ނުވަމަސް ދުވަސް ތެރޭގައި 76 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވުނު ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، 63 މަނީ އެކްސްޗޭންޖަރ އެއް މިވަގުތުވެސް ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ނަމަވެސް ރަޖިސްޓްރީ ނުކޮށް، ހުއްދަތައް ނުނަގައި ބޭރުފައިސާ މާރުކުރާ ގިނަ އަދަދެއްގެ ބަޔަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ.
7 ފަރާތަކުން އެކަނިވެސް ފާއިތުވި ނުވަމަސް ދުވަސްތެރޭގައި 76 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. މީގެ ތެރޭގައި ހުއްދަ ނުނަގައި ބޭރުފައިސާ މާރުކުރާ ފަރާތްތައްވެސް ހިމެނޭކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
"ހަތް އެކްސްޗޭންޖް ކުރާ ފަރާތުން މިދިޔަ ނުވަމަސް ދުވަހުގެ ތެރޭގައި އެބަހުރި މާކެޓުގައި 76 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައި. މީގެ ތެރޭގައި އެބަ ހިމެނޭ ހުއްދަ ނުނަގާ އެކްޗޭންޖް ކުރާ ފަރާތްތައްވެސް" ވަޒީރު އިހުސާން
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ގާނޫނުގައި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި، އެހެންކަމުން ހުއްދަ ނުނަގައި ބޭރު ފައިސާ މާރުކުރުމަކީ ޖިނާއީ ކުށެއް ކަމަށެވެ. އަދި ޖިނާއީ ކުށްކޮށްގެން ހޯދާ ފައިސާ އަމިއްލަ ގޮތުގައި ބޭނުންކުރުމާއި، ވިޔަފާރީގައި ބޭނުންކުރިކަމުގައިވާނަމަ ގާނޫނު ބުނާގޮތުން އެއީ މަނީލޯންޑަރިންގ ކުރުން ކަމަށެވެ.








.jpeg?w=3840&q=75)