
ސަރުކާރުގެ އަމާޒު 2028 ވަނަ އަހަރުން ފެށިގެން ތިން ބައިކުޅަ އެއްބައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް!
# ރައީސް މުއިއްޒު--
2028 ވަނަ އަހަރު ފެށޭއިރު ސަރުކާރު މުވައްޒަފުންގެ ތެރެއިން ތިން ބައިކުޅަ އެއްބައި މުވައްޒަފުން ގޭގައި ތިބެގެން ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރެވޭ ގޮތް ހެދުމަކީ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ހާމަކުރެއްވީ ރާއްޖޭގެ ޑިޖިޓަލައިޒޭޝަން މަޝްރޫޢު "މޯލްޑިވްސް 2.0" އިފްތިތާޙް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
އެގޮތުން ރައީސް ވިދާޅުވީ މިހާރު ދައުލަތުގެ އެކި އިދާރާތައް ހިމެނޭހެން މުޅި އެކު ގާތްގަނޑަކަށް 49،000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށާއި މިރޭ ފެށުނު މަޝްރޫއުއާއި އެކު ސަރުކާރުގެ އަމާޒަކީ ދައުލަތުގެ 2028 ވަނަ އަހަރު އަންނަންވާއިރު ގޭގައި ތިބެގެން ގިނަ މުވައްޒަފުންތަކަކަށް މަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމްކުރުންކަމަށެވެ. އަދި ވަކި އުސޫލެއްގެ ތެރެއިން، ހަފުތާއަކަށް ކަނޑައެޅޭ ވަކި ގަޑިއެއްގައި، ވަގުތު ހަމަކުރަން އޮފީހަށް އަންނަ ގޮތަށް އުސޫލުތައް ބަދަލުކުރުމަކީ ވެސް އަމާޒެއް ކަމަށް ވިދާޅުވި އެވެ.
މިކަން ކުރަން ނިންމާފައިވަނީ ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ޤާނޫނީ އިމުގެ ތެރެއިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިފަދަ ބަދަލެއް ގެނައުމުން އެތަކެއް ކަމެއް ހާސިލްވެގެންދާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ބަދަލާއި އެކު ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމަށެވެ، އަދި މިކަމުގެ ސަބަބުން ދައުލަތުގެ ހިންގުމަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެކަމަށާއި ހިންގުން އިތުރަށް ހަރުދަނާވެ ދެފުށްފެންނަވަރު އިތުރުވެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުވެގެންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން މިސާލެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ މިކަމުގެ ސަބަބުން މަގުމަތީގެ ޓްރެފިކަށް އަންނާނެ ބަދަލެވެ. ރައީސް ވިދާޅުވީ އެފަދަ ބަދަލެއް ގެނައުމާއި އެކު ، މަގުމަތީގެ ޓްރެފިކް އެތައްތަނަކުން ކުޑަކުރެވި ވެހިކަލްތަކުގެ ދުމުގެ ސަބަބުން ބޭރުވާ ގްރީން ހައުސް ގޭސްތައް މަދުކުރެވިގެންދާނެ ކަމަށެވެ.
ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.
ގުޅުންހުރި
%20(1).webp&w=3840&q=75)
ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން - ރައީސް

ޑިޖިޓަލައިޒްކުރުމުގެ އެންމެ މައިގަނޑު އެއް މަޤުޞަދަކީ މިޤައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުން!

ސަރުކާރުގެ އަމާޒު 2028 ވަނަ އަހަރުން ފެށިގެން ތިން ބައިކުޅަ އެއްބައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް!
