
މިނިސްޓަރ އިހްސާން
ޕޭރޯލްގެ ދަށުން ޖަލުން ދޫކޮށްލާފައިހުރި އަބްދުﷲ އިބްރާހީމް (އަބުޗާ) ޖަލުން ވީއްލިފައި ހުރި މުއްދަތުގައި މަސްތުވާތަކެއްޗާ ގުޅުންހުރި މީހުންނާ ބައްދަލުކުރި ކަަމަށް ބުނާ ވާހަކަ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ދޮގުކުރައްވައިފިއެވެ.
އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލައިގަ ހުކުމްކޮށްފައި ހުއްޓާ ޕެރޯލްގެ ދަށުން ދޫކުރި ޢަބްދުﷲ ވަނީ އަލުން ހައްޔަރުކޮށް ޖަލަށްލައިފައެވެ.
އޭނާ ޖަލުން ވީއްލިފައި ހުރި މުއްދަތުގެ ތެރޭގައި، މަސްތުވާތަކެއްޗާ ގުޅުންހުރި މީހުންނާ ބައްދަލުކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި ވަނީ ޕޯސްޓުތައްކޮށްފައެވެ.
މިކަމާ ގުޅޭ ގޮތުން "ގާފު އޮންލައިން"އިން ވަޒީރާ ސުވާލުކުރުމުން، އެ ވާހަކަތައް ދޮގުކުރައްވާފައިވެއެވެ. އެ ފަދަ ކަމެއް، އެކަމަށްޓަކައި ކަނޑައަޅާފައި ހުންނަ ޕޭރޯލް އޮފިސަރަށްވެސް ވެސް އަދި ފުލުހުންނަށްވެސް ފާހަގަވެފައި ނުވަތަ އެލާޓްވެފައި ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލަ ސާބިތުވެ ޢަބްދުﷲ އިބްރާހިމް ގެ މައްޗަށް ހުކުމް އިއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 19ގައެވެ. އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ޕެރޯލްގެ ދަށުން އޭނާ ދޫކުރުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އޭނާ ޕެރޯލްގެ ދަށުން ދޫކޮށްލީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. ޢަބްދުﷲ އިބްރާހިމް އަށް 2 ގަޞިއްޔާގެ ދަށުން 12 އަހަރާއި 6 މަސް ދުވަހުގެ 3 ހުކުމް އިއްވާފައިިވާއިރު އޭނާއަށް އެ މުއްދަތުގެ ހުކުމެއް ކުރީ އިއުތިރާފުގެ އެއްބަސްވުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ހެދުމުންނެވެ.
ޕެރޯލަކީ، ޖަލު ހުކުމެއް ތަންފީޒުކުރާ ގައިދީއަކު، އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން ޝަރުތުތަކެއް ކުރުމަށް ފަހު މުޖުތަމައުއަށް އަނބުރާ ދޫކޮށްލުމެވެ.
މި މައްސަލައާ ގުޅިގެން ދާޚިލީ ވަޒީރު ވިދާޅުވީ ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލީ ޤާނޫނީގޮތުން ބަލަންޖެހޭ ހުރިހާ ކަމަކަށް ނުބަލައި ކަމަށާއި އެއީ ސިޔާސަތުތަކާވެސް ޚިލާފު ނިންމުމެއް ކަމަށެވެ. އެހެންވެ ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލަން ނިންމި ބޯޑުގެ 6 މެންބަރުން ވަކިކޮށްފައިވާ ކަމަށާއި އަލުން ބޯޑަށް މެންބަރުން އައްޔަންކޮށް، ބޯޑުގެ ކަންކަން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ޢަބްދުﷲ އިބްރާހިމް ޕެރޯލްގެ ދަށުން ދޫކޮށްލާފައިވަނީ ގަސްތުގައި ކަމަށް ބެލެވޭނެ ހާލަތެއް ނެތް ކަމަށެވެ.


.jpeg?w=3840&q=75)




.jpeg?w=3840&q=75)



.jpeg?w=3840&q=75)
