

.jpeg?w=3840&q=75)



.jpeg?w=3840&q=75)


އެމެޒޯން ކިންޑްލްއަށް ބޮޑު ބަދަލެއް:
އެމެޒޯންއިން އެ ކުންފުނީގެ މަޝްހޫރު އީ-ރީޑަރ 'ކިންޑްލް' ގެ މުޅިން އާ މޮޑެލްތަކެއް ބާޒާރަށް ނެރެފިއެވެ.
މީގެ ތެރޭގައި އެންޓްރީ-ލެވެލް ކިންޑްލްގެ އާ މޮޑެލްއަކާއި، ކިންޑްލް ޕޭޕަރވައިޓް އަދި ކިންޑްލް ކަލަރސޮފްޓް ހިމެނެއެވެ.
މިފަހަރު ނެރުނު އެންޓްރީ-ލެވެލް ކިންޑްލް އަކީ މިހާތަނަށް އެ ކުންފުނިން އުފެއްދި އެންމެ ތުނި އަދި ޖީބަށް ލައިގެން ގެންގުޅެން އެންމެ ފަސޭހަ ކިންޑްލް އެވެ. އޭގެ ބޯމިނުގައި ހުރީ އެންމެ 6.8 މިލިމީޓަރެވެ. އަދި ބަރުދަނުގައި ހުރީ 140 ގްރާމެވެ. ފްލަޝް-ފްރަންޓް ޑިސްޕްލޭއަކާއެކު ނެރުނު މި މޮޑެލްގެ ސްޕީޑް 30 އިންސައްތަ އަވަސްވާނެ ކަމަށާއި، އެއްފަހަރު ޗާޖުކޮށްގެން 6 ހަފްތާ ވަންދެން ބޭނުންކުރެވޭނެ ކަމަށް ވެސް އެމެޒޯންއިން ބުނެއެވެ. މި މޮޑެލް ވަރަށް ރީތި ދަނބު ކުލައަކުން (އޫބޭ) ވެސް ލިބެން ހުންނާނެއެވެ.
އާ ކިންޑްލް ޕޭޕަރވައިޓްގެ ސްކްރީން ކުރިއަށްވުރެ ބޮޑުވެފައި، ކޮންޓްރާސްޓް ރޭޝިއޯ މަތިވުމުގެ ސަބަބުން އަވިގަދަ ވަގުތުތަކުގައި ފޮތް ކިޔަން ވަރަށް ބޮޑަށް ފަސޭހަވާނެއެވެ. މި މޮޑެލް އެއްފަހަރު ޗާޖުކޮށްގެން 12 ހަފްތާ ވަންދެން ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން، އެމެޒޯންއިން ވަނީ ކުލަކޮށް ފެންނަ ޑިސްޕްލޭއަކާއެކު "ކިންޑްލް ކަލަރސޮފްޓް" ވެސް ތަޢާރަފުކޮށްފައެވެ. މި މޮޑެލްގެ ސްކްރީނުން ފޮތްތަކުގެ ކަވަރުތަކާއި ކުރެހުންތައް ކުލަކޮށް ފެނުމުގެ އިތުރުން، ލިޔުންތަކުގެ ކުލަ ސާފުވާނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން އެމެޒޯންއިން ވަނީ އާ 'ކިންޑްލް ކަލަރސޮފްޓް' ގެ ޑިސްޕްލޭގެ ކަނުން ކަނަށް ކުލަ ފެންނަ ގޮތަށް ފަރުމާކޮށް، އޭގެ ސާފުކަން އިތުރުކޮށްފައެވެ. އާ 'ކަލަރސޮފްޓް ސިގްނޭޗަރ އެޑިޝަން' ގައި އެލުމިނިއަމް ބޭރުގަނޑެއް ހިމެނޭއިރު، ޕޭޕަރވައިޓްއެކޭ އެއްފަދައިން މީގައިވެސް 32 ޖީބީ ގެ ސްޓޯރޭޖް، އޮޓޯއިން އަލިކަން ބަދަލުކޮށްދޭ ފްރަންޓް ލައިޓް، ޑޮކް ޗާޖިންގ އަދި ޑަބަލް ޓެޕްކޮށްގެން ގަނޑު އުކާލެވޭ ފީޗާ ހިމެނެއެވެ. ގްރެފައިޓް އަދި ފިގް ކުލައިން ލިބެން ހުންނަ މި މޮޑެލްގެ އަގު ފެށެނީ 320 ޑޮލަރުންނެވެ.
މި ހުރިހާ މޮޑެލްތަކެއްގެ ވެސް ޚާއްޞަ 'ސިގްނޭޗަރ އެޑިޝަން' އަކާއި ކުޑަކުދިންނަށް ޚާއްޞަ 'ކިޑްސް' ވާޝަންތަކެއް ވެސް އެމެޒޯންއިން ވަނީ ބާޒާރަށް ނެރެފައެވެ.


.jpeg?w=3840&q=75)

