
އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް ލީޑަރު ކަމަށް ތުހުމަތުކުރެވޭ، އަބްދުﷲ އިބްރާހީމް (އަބުޗާ) 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ޕެރޯލް ބޯޑުން އޭނާ ބަންދުން ދޫކޮށްލި މައްސަލައި ގޯސްވެ، ޕެރޯލް ބޯޑުގެ މެންބަރުން މަގާމުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވި ނަމަވެސް، ވަކިކުރެއްވި މެމްބަރުންގެ ވަނަވަރު ހާމަކުރަައްވަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ދެކޮޅުހައްދަވައިފިއެވެ.
ވަޒީރު އަލީ އިޙްސާން ވިދާޅުވީ ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލީ ޤާނޫނީގޮތުން ބަލަންޖެހޭ ހުރިހާ ކަމަކަށް ނުބަލައި ކަމަށާއި އެއީ ސިޔާސަތުތަކާވެސް ޚިލާފު ނިންމުމެއް ކަމަށެވެ. އެހެންވެ ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލަން ނިންމި ބޯޑުގެ 6 މެންބަރުން ވަކިކޮށްފައިވާ ކަމަށާއި އަލުން ބޯޑަށް މެންބަރުން އައްޔަންކޮށް، ބޯޑުގެ ކަންކަން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
ވަކިކުރެއްވި މެމްބަރުންނަކީ ކޮބައިތޯ "ގާފު އޮންލައިން"އިން ސުވާލުކުރުމުން، ވަޒީރު ވަނީ އެ ކަމާ އުޒުރުވެރިވެވަޑައިގެންފައެވެ. ވަކިކުރެއްވި މެމްބަރުންގެ ތަފްސީލް ހާމަނުކުރެއްވީ އެކަމުގެ ސަބަބުން އެ މެމްބަރުންނަށް ލިބިދާނެ ގެއްލުމަކަށް ރިޔާޔަތްކުރެއްވުމަށް ފަހުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ޢަބްދުﷲ އިބްރާހިމް ޕެރޯލްގެ ދަށުން ދޫކޮށްލާފައިވަނީ ގަސްތުގައި ކަމަށް ބެލެވޭނެ ހާލަތެއް ނެތް ކަމަށެވެ."އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުން އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭ އިންޓެންޝަނަލީ އެއިން އެއްވެސް ފަރާތަކުން ގޯހެއް ހަދާފައި އޮތްކަމަށް. އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަނީ މިފަދަ ޤައުމީ ބޮޑެތި މައްސަލަތަކުގައި ބަލަންޖެހޭ ބައެއްކަންކަން ބަލަންޖެހޭވަރަށް ނުބެލިއޭ އެއޮތީ،" ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޢަބްދުﷲ އިބްރާހިމް ޕެރޯލްގެ ދަށުން ދޫކޮށްފައިވަނީ އޭނާގެ ހުކުމާ ގުޅިގެން އެރި އޮޅުމެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް ޤާނޫނީ ލަފާ ހޯއްދަވައި އެ ނިންމުން އަނބުރާ ބަދަލުކުރަން އެންގުމުން އެ ނިންމުން ބަދަލުކޮށް އަންގާރަ ދުވަހު އޭނާ އަނބުރާ ބަންދަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.ވަޒީރު ވިދާޅުވީ އަދުގެ ސަރުކާރުގެ މަސްތުވާތަކެއްޗާ ގުޅޭ ސިޔާސަތު ވަރަށް ސާފު ކަމަށާއި މަސްތުވާތަކެތި ތްރެފިކް ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭގޮތަށް ޤާނޫނު އިސްލާހުކޮށް އެފަދަ ކުށްތައް ކުރިން ކޮށްފައިވާ މީހުންނަށް އަދަބު ލުއިނުކުރެވޭގޮތަށް ހަދާފައިވާ ކަމަށެވެ.



.jpg?w=3840&q=75)




.jpg?w=3840&q=75)






