logoEN
Sto top
ތުރުކީއާއި އެކު އިޤްތިޞާދީ ގުޅުން ހަރުދަނާކުރުމަށް އެގައުމުގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށްފި

ތުރުކީއާއި އެކު އިޤްތިޞާދީ ގުޅުން ހަރުދަނާކުރުމަށް އެގައުމުގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށްފި

އަހުމަދު ޝުރާއު

logo

4/15/2025, 5:18:44 PM

# ފޮރިން މިނިސްޓްރީ# އެކޮނޮމިކް މިނިސްޓްރީ

--

ޚާރިޖީ ވަޒީރު ޑރ. ޚަލީލް އާއި އިޤްތިޞާދީ ކުރިއެރުވުން އަދި ވިޔަފާރި އާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ތުރުކީގެ ވިޔަފާރިވެރިންނާ އިސްތަންބުލްގައި މިއަދު ބައްދަލުކުރައްވައިފިއެވެ.

Wamco

ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީ.އީ.އައި.ކޭ) އިން އިންތިޒާމްކުރައްވައި ޑީއީ.އައި.ކޭގެ ޗެއަރމަން އަދި ތުރުކީ-އޭޝިއާ ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް، ރައީސް ނާއިލް އޮލްޕަކްގެ އިސްވެހުންނަވައި ކުރިއަށް ގެންދެއްވި މި ބައްދަލުވުމުގައި ތުރުކީގެ ފާހަގަކޮށްލެވޭ އެކިދާއިރާތަކުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، އިންވެސްޓްމަންޓް، ދަނޑުވެރިކަމާއި ގެދޮރުވެރިކަމާއި ރިއަލް އެސްޓޭޓް، ވިޔަފާރި ބަނދަރު ތަރައްޤީކުރުމާއި ޓެކްނޮލޯޖީގެ ދާއިރާ ހިމެނޭނެހެން ދިވެހިރާއްޖެ އާއި ތުރުކީ އާ ދެމެދު އިގްތިޞާދީ ގުޅުން ބަދަހިކުރުމަށާއި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާ އިން އައު ގުޅުންތައް ޤާއިމުކުރުމަށް މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދﷲ ޚަލީލް ވަނީ ރާއްޖޭގެ ވިޔަފާރީގެ މާޙައުލު ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ސްޓްރެޓީޖިކް މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ބައްދަލުވުމުގެ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދީ ކުރިއެރުވުން އަދި ވިޔަފާރި އާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ދެ ޤައުމުގެ ދެމެދުގައި ނޮވެންބަރު 2023 ގައި ސޮއިކުރެވިފައިވާ "އިކޮނޮމިކް ކޯޕަރޭޝަން" އެއްބަސްވުމާއި މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައި ސޮއިކުރެވިފައިވާ "ޕްރިފަރެންޝަލް ޓްރޭޑް" އެއްބަސްވުމަކީ ދެ ޤައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ކުރިއަރަމުން އަންނަކަމުގެ ހެކިތަކެއް ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

ވަޒީރުންގެ ވާހަކަފުޅަށްފަހު، އިންވެސްޓް މޯލްޑިވްސްގެ ސީއީއޯ ނުހާ މުޙައްމަދު ރިޒާ ވަނީ ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭގޮތުން ވަރަށް ތަފްސީލީ ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ. މި ޕްރެޒެންޓޭޝަންގައި ދިވެހިރާއްޖެ އަކީ ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ގޮތުގައި ކުރިއަރަމުން އަންނަ މަންޒިލެއްކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.

އިންވެސްޓް މޯލްޑިވްސްގެ ސި.އީ.އޯގެ ޕްރެސެންޓޭޝަނަށް ފަހު ޚާރިޖީ ވަޒީރާއި އިޤްތިޞާދީ ކުރިއެރުވުން އަދި ވިޔަފާރި އާ ބެހޭ ވަޒީރު، ތުރުކީގެ ވިޔަފާރިވެރިންނާއެކު ކުރިއަށް ގެންދެއްވި މަޝްވަރާތަކުގައި މުސްތަޤްބަލުގައި ދިވެހިރާއްޖެއާއި ތުރުކީ އާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި އަދި އިޤްތުޞާދީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

އިސްތަންބުލްގައި މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަކީ ކުރިއަށް އޮތް އަހަރުތަކުގައި ތުރުކީ އާ ދިވެހިރާއްޖެއާ ދެމެދުގައި އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside