.jpg?w=3840&q=75)







ތިލަފުށީ ރީޖަނަލް ވޭސްޓް ފެސިލިޓީއަށް ކުނި ގެނައުމާއި ހިދުމަތް ދިނުމުގެ އުސޫލުގައި ކުނި ވަކިކުރުމަށް ކަނޑައަޅާފައިވީ ނަމަވެސް، ދޯނިފަހަރުގައި ގެންނަ ކުނި ވަކިނުކޮށް ގެންނާތީ، އުސޫލާއި އެއްގޮތަށް އަމަލުކުރަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އިލްތިމާސްކޮށްފި އެވެ.
ވެމްކޯއިން ނެރުނު އިއުލާނެއްގައި ވަނީ މިހާރަކަށް އައިސް އުސޫލާ ހިލާފަށް ދޯނިފަހަރުގައި ގެންނަ ގިނަ ކުނި ވަކިނުކޮށް އެއްކޮށްފައި ހުންނާތީ، ކުނި ރައްކާތެރިކަމާއެކު ނައްތާލުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކޮށްފައިވެ އެވެ.
ވެމްކޯއިން ބުނީ ތިލަފުށި ފެސިލިޓީއަށް ގެނެވޭ ކުނި ގިންތިކޮށް ވަކި ކުރެވިފައި ހުންނަން ޖެހޭނީ ގަސްކުނި، ބަދިގެކުނި، ޕްލާސްޓިކް، ދަގަނޑު، ލަކުޑި، ބިއްލޫރި އަދި އެހެނިހެން ކުނި ބާވަތްތައް ވަކިން ކަމަށެވެ. އަދި ކުނި ބަރުކުރުމުގައި ޖަމްބޯ ބޭގް ނުވަތަ ކާގޯ ނެޓް ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވާއިރު، މިކަމުގެ ސަބަބުުން ދޯނިފަހަރުން ކުނި ބޭލުމަށް (އޮފްލޯޑް ކުރުމަށް) ހޭދަވާ ވަގުތު ކުޑަވެ، ހިދުމަތް ހޯދާ ފަރާތްތަކަށައި ކޯޕަރޭޝަނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ވެމްކޯއިން ބުންޏެވެ.
ދޯނިފަހަރުގައި ގެންނަ އިމާރާތްކުރުމާއި ތަޅާލުމުގައި އުފެދޭ ގާކުނި ބަލައިނުގަންނަކަން ފާހަގަކޮށް ވެމްކޯއިން ބުނީ ތިލަފުށީ ފެސިލިޓީން ހިދުމަތް ދެވޭނީ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ކުނި ގިންތިކޮށް ވަކިކޮށްގެން ގެންނަ ދޯނިފަހަރަށް އެކަނި ކަމަށެވެ. އަދި މި އުސޫލާ އެއްގޮތަށް އަމަލުކުރުވުމަށްޓަކައި ކުނި ވަކިނުކޮށް އަންނަ ދޯނިފަހަރު އަނބުރާ ފޮނުވާލާ، އުޅަނދުފަހަރުގެ މައުލޫމާތު ކަމާބެހޭ މުއައްސަސާތަކަށް ހިއްސާކުރަމުންދާނެކަމަށްވެސް ވެމްކޯއިން ބުންޏެވެ.
އެހެންކަމުން ދޯނިފަހަރަށް ކުނި ބަރުކުރުމުގައި އުޅަނދު ފަހަރަށް ކުނި ބަރު ކުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ އިރުޝާދާ އެއްގޮތަށް ކުނި އެތުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެމްކޯއިން ވަނީ އެދިފަ އެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ވެމްކޯގެ ހޮޓްލައިން ނަންބަރު 1666 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރުމަށް ވެމްކޯއިން ވަނީ އެދިފަ އެވެ.
.jpg?w=3840&q=75)







