
އިޕްސްވިޗް އާއި އެއްވަރުވެ ޗެލްސީ އިން ފުރުސަތު ނަގާލައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ޗެލްސީ# އިޕްސްވިޗް# އިނގިރޭސި ޕްރިމިއާ ލީގުއިޕްސްވިޗް އާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އިޕްސްވިޗް އާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ލީގު ތާވަލުގެ ހަތަރުވަނައަށް އެރުމަށް ލިބުނު ފުރުސަތު ޗެލްސީ އިން ނަގާލައިފިއެވެ.

ލީގުގައި އިޕްސްވިޗް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ވުލްވްސް އަތުން އެޓީމު ބަލިވެފައިވާއިރު، ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ބްރެންޓްފޯޑާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިޕްސްވިޗް އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިޕްސްވިޗް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ޖޫލިއޯ އެންސީސޯ އެވެ.
މީގެ އިތުރުން ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އިޕްސްވިޗްގެ ޑިފެންޑަރު ބެންޖަމިން ޖޯންސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިހާފުގައި ޗެލްސީ އިން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އިޕްސްވިޗް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ޗެލްސީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑަކީ އިޕްސްވިޗްގެ ޑިފެންޑަރު އެލެކްސް ޓުއެންޒެބޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ޗެލްސީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިނގިރޭސި ފޯވާޑް ޖޯޑަން ސަންޗޯ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ޗެލްސީ އިން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 32 މެޗުން ޗެލްސީއަށް 54 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަ ވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 32 މެޗުން އިޕްސްވިޗްއަށް 21 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 18 ވަނައިގައެވެ.