
ރަށުން ބޭރުގައި އިންޓަ މިލާނުން ބަޔާން މިއުނިކް ބަލިކޮށްފި
# ބޭރު ދުނިޔޭގެ ކުޅިވަރު# އިންޓަ މިލާން# ބަޔާން މިއުނިކް# ޔުއެފާ ޗެންޕިއަންސް ލީގުއިންޓަ މިލާން އާއި ބަޔާން މިއުނިކް ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޖަރުމަނުގެ ބަޔާން މިއުނިކާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އިޓަލީގެ އިންޓަ މިލާން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން އިންޓަ މިލާން ޖާގަހޯދީ ދެވަނަ ބުރުގައި ނެދަލޭންޑްސްގެ ފެނޫޑް 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ބަޔާން މިއުނިކް ކުއާޓާ ފައިނަލުން ޖާގަހޯދީ ޖަރުމަނުގެ ޗެންޕިއަން ބަޔާ ލެވަކޫސަން 5-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ.
މީގެ އިތުރުން މިދެޓީމު ޗެންޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗު ވެސް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ބަޔާނަ މިޔުނިކުން ނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިފެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިންޓަ މިލާނުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ. މިއީ އެޓީމުގެ މާކަސް ތުރާމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ބަޔާން މިއުނިކުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ތޯމަސް މުލާ އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން އިންޓަ މިލާނުންގެ މިޑްފީލްޑަރު ޑޭވިޑޭ ފްރަޓެސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
މިލަނޑާއެކު މެޗު ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ. އަދި މިދެޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗު އިންޓަ މިލާންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ އެވެ.