



%20(5).jpg?w=3840&q=75)

.jpeg?w=3840&q=75)


އެފްބީއައި ނޭޝަނަލް އެކަޑަމީގެ 299 ވަނަ ސެޝަންގައި ފުލުހަކު- ފޮޓޯ:ފުލުހުން
އެފްބީއައި ނޭޝަނަލް އެކަޑަމީ ގެ 299 ވަނަ ސެޝަން ދިވެހި ފުލުހުންގެ ހިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ފުރިހަމަކޮށްފި އެވެ.
މިއީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ.
އެމެރިކާގެ ވާޖީނިއާގެ ކުއަންޓިކޯގައި ހުންނަ އެފްބީއައި ޓްރެއިނިންގ އެކެޑަމީގައި 10 ހަފުތާގެ މުއްދަތަށް ކުރިއަށްދިޔަ މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ މި ސެޝަންގައި އެމެރިކާގެ 44 ސްޓޭޓަކާއި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ އިތުރުން، ދުނިޔޭގެ 28 ގައުމަކުން 29 އޮފިސަރުންނާއި، އަސްކަރިއްޔާގެ ފަސް އިދާރާއަކާއި ފެޑެރަލް ސިވިލިއަން ހަތަރު އިދާރާއެއް ހިމެނޭހެން ޖުމްލަ ގާނޫނު ތަންފީޒުކުރާ 265 އޮފިސަރުން ދަސްވެނިވެފައިވާ ކަމަށެވެ. މި ރަސްމިއްޔާތުގައި އެފްބީއައިގެ ޑިރެކްޓަރު ކަޝްޔަޕް ޕީ. ޕަޓޭލް ވާހަކަފުޅުދެއްކެވިއިރު، ދަސްވެނިވި އޮފިސަރުންގެ ފަރާތުން ކްލާސް ސްޕޯކްސްޕާސަންގެ ގޮތުގައި ވާހަކަދެއްކެވީ ވޮޝިންގޓަން ޑީސީގެ މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓުގެ ޑާނެލް ރޮބިންސަންކަމަށް ފުލުހުން ބުންޏެވެ.
1935 ވަނަ އަހަރު ގާއިމްކުރެވުނު އެފްބީއައި ނޭޝަނަލް އެކެޑަމީއަކީ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ފަންނަީ މަތީ ތައުލީމާއި ތަމްރީނު ދިނުމަށް ބައިނަލްއަގްވާމީ ފެންވަރުގައި މަގުބޫލު އެކެޑަމީއަކަށްވާއިރު، މި ސެޝަނާއެކު މިހާތަނަށް އެ އެކެޑަމީން 57,461 އޮފިސަރުން ދަސްވެނިވެފައިވެ އެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ އޮފިސަރުންނަކީ ގާނޫނު ތަންފީޒުކުރުމުގެ ހިދުމަތުގައި އެވްރެޖްކޮށް 21 އަހަރުގެ ތަޖުރިބާ ލިބިފައިވާ، އިސް މަގާމުތައް ފުރުއްވާ ބޭފުޅުންނެވެ.
ފުލުހުން ބުނީ އެފްބީއައިގެ ހާއްސަ އިންސްޓްރަކްޓަރުންނާއި ސްޕެޝަލް އޭޖެންޓުން ތަމްރީނު ދެއްވި މި ކޯހުގެ މުގައްރަރު ބިނާވެފައިވަނީ އެޑްވާންސްޑް ކޮމިއުނިކޭޝަންއާއި، ލީޑަރޝިޕް، ފިޓްނަސް ޓްރޭނިންގ، ގާނޫނު، ބިހޭވިއަރަލް ސައިންސް އަދި ފޮރެންސިކް ސައިންސްގެ މައްޗަށް ކަމަށެވެ. އަދި 1972 ވަނަ އަހަރުން ފެށިގެން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ޔުނިވަރސިޓީ އޮފް ވާޖީނިއާއިން އެކްރެޑިޓްކޮށްފައިވާ އަންޑަރގްރެޖުއޭޓް އަދި ގްރެޖުއޭޓް އެކަޑަމިކް ކްރެޑިޓް ލިބިގެންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާޢު މި ތަމްރީނު ފުރިހަމަކުރެއްވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލީޑަރޝިޕް ހުނަރުތަކާއި، ޕްރޮފެޝަނަލް ޕޮލިސިންގ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއެކު އޮންނަ ގުޅުން ވަރުގަދަކޮށް މުއައްސަސާގެ އެތެރޭގައި އިލްމާއި ތަޖުރިބާ ހިއްސާކުރުމަށް ލިބިގެންދިޔަ މުހިންމު ފުރުސަތެއް ކަމަށް ފުލުހުން ބުންޏެވެ.




%20(5).jpg?w=3840&q=75)