






%20(5).jpg?w=3840&q=75)

މާލެ ސިޓީގައި އިޖުތިމާޢީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކުއްލި ހާލަތްތަކުގައި ދޭ އިޖާބަ އިތުރަށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދިވެހި ރެޑް ކްރެސެންޓުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މިއަދު މެންދުރު މާލެ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި މޭޔަރު އާދަމް ޢާޒިމްގެ އިތުރުން ޑެޕިއުޓީ މޭޔަރު މީކާއީލް މުޙައްމަދު ރިޔާޟް އަދި ދިވެހި ރެޑް ކްރެސެންޓުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، ކައުންސިލްގެ ފަރާތުން ދެވެންހުރި އެއްބާރުލުންތަކަކީ ކޮބައިތޯ ބައްލަވައި، ދިވެހި ރެޑް ކްރެސެންޓުގެ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އެގޮތުން ދެފަރާތް ގުޅިގެން ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުރިކަން މޭޔަރު ފާހަގަކުރެއްވިއެވެ.
އޭގެ ތެރޭގައި ފެންބޮޑުވުމާއި، އަލިފާނުގެ ހާދިސާތައް އަދި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި އިސްސަފުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެކި ހާދިސާތަކުގައި އަނިޔާވާ ފަރާތްތަކަށް ފުރަތަމަ އެހީ ފޯރުކޮށްދިނުމާއި އެ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. މީގެއިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ބަލިމީހުން އެއްތަނުން އަނެއްތަނަށް ބަދަލުކުރުމަށް ބަލިމީހުން އުފުލުމުގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދިވެހި ރެޑް ކްރެސެންޓުގެ ރައީސް ޢަލީ ނާޝިދު ދެއްކެވި ވާހަކަފުޅުގައި، މާލެ ސިޓީ ކައުންސިލުން އެ ޖަމްޢިއްޔާއަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
ދިވެހި ރެޑް ކްރެސެންޓަކީ ދިވެހިރާއްޖޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު މުސްތަޤިއްލު ޖަމްޢިއްޔާއެވެ. އެ ޖަމްޢިއްޔާއިން އަންނަނީ ޤައުމީ ފެންވަރުގައާއި ރަށްރަށުގެ ފެންވަރުގައި ދިމާވާ އެކި ކާރިސާތަކުގައްޔާއި އިޖުތިމާޢީ އެކި ކަންކަމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.






.jpeg?w=3840&q=75)

