






%20(5).jpg?w=3840&q=75)

ހުއިފިލަނޑާ
އެއް އަހަރުގެ މުއްދަތަކަށް ކައްޗަލަ އެކްސްޕޯޓްކުރުމަށް 7 ފަރާތަކަށް ފިޝަރީޒް މިނިސްޓްރީން ކޯޓާ ދީފި އެވެ.
ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން އިންޓެނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ" (ސައިޓީސް) މުޢާހަދާއިން ނޮވެންބަރު 2022 ގައި ބޭއްވި 19 ވަނަ "ކޮންފަރެންސް އޮފް ދަ ޕާރޓީސް" (ކޮޕް 19) ގައި، ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ ވަނީ އެމުޢާހަދާގެ ޖަދުވަލު 2 ގައި ހިމަނައި، އެކަމަށް ތައްޔާރުވުމަށް 18 މަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.
2024 ވަނަ އަހަރުގެ މެއި 25 ވަނަ ދުވަހުން ފެށިގެން މި ބާވަތުގެ ހުއިފިލަނޑާއަކީ ސައިޓީސް މުޢާހަދާގެ ޖަދުވަލު 2ގައި ހިމަނާފައިވާ ބާވަތަކަށްވާއިރު، ސައިޓީސްގެ ޖަދުވަލު 2ގައި ހިމަނާފައިވާ ބާވަތްތައް އެއް ޤައުމުން އަނެއް ޤައުމަށް ގެންދިއުމަށް އެކްސްޕޯޓުކުރާ ޤައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީއިން ދޭ ސައިޓީސް ޕާމިޓެއް ބޭނުންވެ އެވެ.ވިޔަފާރި އުސޫލުން ކައްޗަލަ އެއް ޤައުމުން އަނެއް ޤައުމަށް ގެންދިއުމަށް މެނޭޖްމަންޓް އޮތޯރިޓީން ސައިޓީސް ޕާމިޓް ދޫކުރާނީ އެކްސްޕޯޓް ކުރާ ޤައުމުގެ "ސައިޓީސް ސައިންޓިފިކް އޮތޯރިޓީ"އިން ތައްޔާރުކުރާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެން.ޑީ.އެފް.) އަކުން އެބާވަތުގެ ދިރޭތަކެތި، އޭގެ މާހައުލުން ނަގާ އެކްސްޕޯޓުކުރާ މިންވަރަކީ އެބާވަތުގެ އާބާދީއަށް ގެއްލުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތަކަށް ނެގޭ މިންވަރެއްކަން، ޔަޤީންކުރެވޭ މިންގަނޑެއްގެ މައްޗަށެވެ.މި ބާވަތުގެ ހުއިފިލަނޑާ ސައިޓީސް މުއާހަދާގެ ޖަދުވަލު 2ގައި ހިމެނުމާ ގުޅިގެން ދިވެހިރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީއެއް ކަމަށްވާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްއިން މިހާރު ވަނީ އެބާވަތުގެ މަސްވެރިކަމުގެ އެންޑީއެފް ތައްޔާރުކޮށްފައިވާއިރު، މި އެންޑީއެފް އިން މި ބާވަތުގެ ހުއިފިލަނޑާގެ މަސްވެރިކަން ރާއްޖޭގައި ކުރެވޭނެ މިންވަރާއި ހަމަތައްވެސް ކަނޑައަޅާފަ އެވެ.ހިއްކާފައިވާ މި ބާވަތުގެ ހުއިފިލަނޑާގެ 10.95 ޓަނުގެ ކޯޓާއެއް 12 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވެ އެވެ. އަދި ފިޝަރީޒް މިނިސްޓްރީން ލައިސަންސް ލިބިގެން ހަރަކާތްތެރިވާ ހުއިފިލަނޑާގަނެ އެކްސްޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން ކޯޓާ ދޫކުރުމަށް ހަމަޖެހިފައިވާ ފަރާތްތައް އެ މިނިސްޓްރީން އާންމުކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ޖުމްލަ 7 ފަރާތެކެވެ.
• އޯޝަން ޓައިޑްސް އިންޓަރނޭޝަނަލް• އެސްއެމް އިންވެސްޓްމަންޓް• މަލަކް އިންވެސްޓްމަންޓް• ވިލިނގިލި ފިޝް ވިލެޖް• ސްކައި ގޯ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް• ފޭމްސް ގްރޫޕް އޮފް އިންޑަސްޓްރީ ޕްރައިވެޓް ލިމިޓެޑް• ޓްރޭޑް ބްރިޖް ޕްރައިވެޓް އިންވެސްޓުމަންޓު
މިއިން ކޮންމެ ފަރާތަކަށްވެސް 860 ކިލޯ އެކްސްޕޯޓްކުރަން ކޯޓާ ދޫކޮށްފައިވާއިރު، ކައްޗަލަ އެކްސްޕޯޓްކުރުމަށް އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން ކަނޑައަޅާފައިވާ ކޯޓާގެ %55 ޝަރުތުހަމަވާ އެކްސްޕޯޓަރުންގެ މެދުގައި ބަހާނެ އެވެ. އަދި ކޯޓާގެ ބާކީ %45 ރިޒާވް ކޯޓާގެ ގޮތުގައި ބަހައްޓާނެ އެވެ.
މި މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެކްސްޕޯޓަރުންނަށް ދޫކުރާ ވަކި ވަކި ކޯޓާގެ މަދުވެގެން %95 އެކްސްޕޯޓްކޮށް ނިމުމުން ރިޒާވް ކޯޓާގެ ތެރެއިން އިތުރު 1.5 ޓަނާ ހަމައަށް ކޯޓާ ހޯދުމަށް އެދި ހުށަހެޅިދާނެ އެވެ. އަދި ޝަރުތުހަމަވާ އެކްސްޕޯޓަރުންނަށް އެފަރާތަކަށް ލިބިފައިވާ ކޯޓާއެކުގައި ނުވަތަ ކޯޓާއިން ބައެއް އެހެން އެކްސްޕޯޓަރަކަށް ބަދަލުކުރެވިދާނެކަމަށްވެސް ބަޔާނުގައިވެ އެވެ.




