logoEN
Sto top
ސީދާ ދެ ސެޓުން ލާސާ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޑޭޓޯނާ ސެމީއަށް

ސީދާ ދެ ސެޓުން ލާސާ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޑޭޓޯނާ ސެމީއަށް

ހަސަން ޝަމްއޫން

logo

3/13/2025, 2:04:27 AM

# ދިވެހި ކުޅިވަރު # ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025

ޑޭޓޯނާއި ލާސާ ވާދަކުރި މެޗުގެ ތެރެއިން...

މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 ފިރިހެން ޑިވިޝަން ގުރޫޕް އޭގައި ބުދަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ (ލާސާ) އާއި ޑޭޓޯނާ ވާދަކުރި މެޗު ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޑޭޓޯނާ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

Wamco

މުބާރާތުގައި ޑޭޓޯނާ ކުޅުނު ފުރަތަމަ މެޗުގައި ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް (ޓީވައިއީއެސް) އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 2-0 ނަތީޖާއަކުން ފިއޮންޓީ ބަލިކޮށްފައެވެ. އަދި ލާސާގެ ފުރަތަަމަ މެޗުގައި ފިއޮންޓީ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ޓީވައިއީއެސް އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޑޭޓޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 14 ލަނޑުގެ ބޮޑު ލީޑަކާއެކު 4-18 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓުގައި ލާސާ އިން އެޓީމުގެ ކުޅުން ރަނގަޅު ކުރިއިރު މިސެޓް ޑޭޓޯނާ އިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު ތިން ލަނޑުގެ ލީޑަކާއެކު 18-21 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑޭޓޯނާގެ އަހުމަދު ޝާނީޒް އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ޑޭޓޯނާއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ސެމީފައިނަލުން ޖާގަހޯދީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މިމެޗުން ބަލިވި ލާސާ އިން މުބާރާތް ނިންމާލީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައެވެ.

7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހިވޭގޮތަށެވެ.

ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside