
މައިލޯ ސިޓީއާ ފްރެންޑްސް ކުލަބުގެ ފޯރިގަދަ ކުރިމަތިލުން އެއްވަރު
# ދިވެހި ކުޅިވަރު # މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މައިލޯ ސިޓީގެ މުހައްމަދު އިންޝާލް
މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ގުރޫޕް ޑީގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި މައިލޯ ސިޓީ އާއި ފްރެންޑްސް ކުލަބު ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.

މުބާރާތުގައި މައިލޯ ސިޓީ ކުޅުނު ފުރަތަމަ މެޗުގައި އައްޑޫ އެއަރޕޯޓް ރެކްރިއޭޝަން ކުލަބު (އާކް) އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ފްރެންޑްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުނަ ސްކަވެންޖާސް ބަލިކޮށްފައެވެ.
މުޅި މެޗުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މައިލޯ ސިޓީގެ މުހައްމަދު އިންޝާލް އެވެ.
މިނަތީޖާއެކު ކުޅުނު ދެމެޗުން މިދެޓީމަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ޖެހި ގޯލާއި ފައިދާ ގޯލުގެ އިތުރުން ބައިކޮޅަށް ވަން ގޯލުގެ ގޮތުން ވެސް ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްކަވެންޖާސް އާއި ދެކޮޅަށް މައިލޯ ސިޓީ ނުކުންނައިރު، ފުރެންޑްސް ކުލަބުން ނުކުންނާނީ އާކްއާއި ދެކޮޅަށެވެ.
6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެ އެވެ.
ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ސީދާ ތިން ސެޓުން ޓްރިޕަލް ވެއާ ބަލިކޮށް ގޯޅިން މުބާރާތް ފެށީ އިތުބާރާއެކު

ދެވަނަ ހާފުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ ގަބުރު އެފްސީ އިން އަމިގޯސް މޮޅުވިޔަނުދީ ހިފަހައްޓައިފި

މައިލޯ ސިޓީއާ ފްރެންޑްސް ކުލަބުގެ ފޯރިގަދަ ކުރިމަތިލުން އެއްވަރު
